English Edition
Dhivehi Edition

މި ސަރުކާރުގެ ވެރިކަން ނިމެން ކައިރިވުމުންވެސް ބޭނުންކުރަނީ “ރިޟުވާން ކާޑު” ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

“ފެލާލައިފި” ނަމުގައި ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޟުވާން މަރާލި މީހުން މި ސަރުކާރަށާއި ފުލުހުންނަށް ވެސް އެނގޭނެ ކަމަށެވެ. އަދި ހުޅުމާލެ ފެރީ ޓާމިނަލާ ހަމައިން ރިޟުން ކާރަކަށް އަރުވައިގެން ދުއްވި ކަމަށް ބުނާއިރު، ކާރު ދުއްވީ ކާކުކަން ވެސް އެނގޭނެ ކަމަށެވެ.

މަރު ކޮމިޝަނުން މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާނުގެ މަރާއި ގުޅިގެން ރައީސް ޔާމީނަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.

އެގޮތުން ރިޟުވާންގެ މަރުގެ ތުހުމަތުކުރެވޭ މުހައްމަދު މުނާޒް 2016 ވަނަ އަހަރު ސީރިއާއަށް ފުރައިގެން ދިޔައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކު ކަމަށް މިސްބާހު ވަނީ ވިދާޅުވެފަ އެވެ.

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މަރުވެގެން މިއުޅެނީ ހަމައެކަނި ރިޟުވާން ނޫން ކަމަށެވެ.

“މަރުވާ ކޮންމެ މީހަކު، ގުދުރަތީ މަރަކުން ނޫން. އަދި ބައެއްގެ އިހުމާލުން ނޫނީ ބައެއްގެ ބައިވެރިވެގެން އޮވެގެން މަރުވާ ކަމަކީ އަޅުގަނޑުމެންގެ ޕާޓީން ކުށްވެރިކުރާނެ ކަމެއް” ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އެ ހުރިހާ ތަހުގީގަކީ ކޮށްނިމިފައިވާ ތަހުގީގުތަކެއް ކަމަށާއި އެކަމުގައި އަދަބު ދޭންޖެހޭ ފަރާތްތަކަށް އަދަބު ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޟުވާންގެ މަރުގެ މައްސަލައަކީ ތަހުގީގޮށް ނިންމާފައިވާ މައްސަލައެއް ކަމަށާއި ފުލުހުންނަކީ “ގަމާރުންތޯ، މަންމަނުންތޯ” ވެސް ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފަ އެވެ.