English Edition
Dhivehi Edition

އޭއޯއިން އިންތިޒާމުކޮށްގެން ކޮންމެ ރަމަޟާން މަހަކަށް ޚާއްޞަކޮށްގެން އައްޑޫގައި ކުރިއަށް ގެންދާ މަދަޙަ މުބާރާތް އަންނަ ފިތުރު އީދު ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ. ޖޫން 25 އިން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ހުޅުމީދޫގައެވެ. އަދި 27 ޖޫން އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ހިތަދޫގައި މުބާރާތް ކުރިއަށް ގެންދިއުމަށްފަހު ނިންމުމުގެ ރަސްމިއްޔާތު ވެސް އޮންނާނީ ހިތަދޫގައެވެ. ބޮޑެތި އިނާމުތަކެއް ހުށަހަޅައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި މުބާރާތުގައި މިފަހަރުވެސް މުޅި މުބާރާތުގެ 1 ވަނަ އަށް ޢުމުރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ހަނދާނީ ލިޔުމެއް ދޭނެއެވެ.   3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 7 އަހަރުން ދަށާއި 13 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ބައިން ބައިވެރިން މަދަޙަ ހުށަހަޅާނެއެވެ. ކޮންމެ އުމުރުފުރައަކުން އެންމެ މޮޅު 5 ވަނަ އާއި 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާއިރު މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ އާއި މުބާރާތުގެ 1، 2 އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އޭއޯގެ ފަރާތުން އައްޑޫގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މިފަދަ މުބާރާތެއް ބާއްވާ 3 ވަނަ އަހަރެވެ. މުބާރާތުގައި މިދިޔަ އަހަރު އެއްވަނަ ހޯދާފައިވަނީ ސ.ހުޅުދޫ މައްސާގުގެ އައިހަމް ޝަރީފެވެ. މުބާރާތުގެ 1 ވަނަ އާއި އެކު އައިހަމް އަށް ވަނީ އުމުރާ ދަތުރަކާއި އަދި ދުބާއީ ސްޓޑީ ޓުއާއެއް އިނާމުގެ ގޮތުގައި ލިބިފައެވެ. މިއީ މާވީ އިންވެސްޓްމަންޓާއި އައްޑޫވިމެންސް އެސޯސިއޭޝަނުން ދެއްވެވި ހަދިޔާއެކެވެ. މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރ އަކީ ހެޕީމާކެޓް އެވެ. ޕްރިންޓިން ޕާޓްނަރ އަކީ އެމް 7 އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ވަގުތު ނޫހެވެ. މީގެ އިތުރުން ވެސް އައްޑޫގެ ވިޔަފާރިވެރިންގެ ފަރާތުން އެކިގޮތްގޮތުން މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވަވަމުން ގެންދަވާތީ އެކަމަށްޓަކައި އޭއޯނިއުސްގެ ފަރާތުން ޝުކުރުވެރިވެއެވެ.