English Edition
Dhivehi Edition

ސިޔާސީ މަޝްވަރާ ކުރުމަށާއި ސައިބަސެކިއުރިޓީ ދާއިރާއިން ދިވެހި ސަރުކާރާއި އެސްޓޯނިއާ ސަރުކާރާ ދެމެދު ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މީގެ ތެރެއިން ސިޔާސީ މަޝްވަރާތައް ކުރުމަށް ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ކަމަށެވެ.

ހާރިޖީ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމަކީ ރާއްޖެއާއި އެސްޓޯނިއާގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައިވެސް މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން ކުރިޔަށް އޮތް އަހަރުތަކުގައި ގަވާއިދުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށް، އެއްބާރުލުން އިތުރު ކުރެވިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިއީ ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީ އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ސޮއި ކުރެއްވިއިރު، ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާނެވެ. އަދި އެ ގައުމުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލިސާ-ލީ ޕަކޮސްޓާއެވެ.

މި ދެ ފަހުމުނާމާގައި ވެސް ސޮއިކުރެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކާރިސްގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.