English Edition
Dhivehi Edition

ހުޅުމާލެ 2 ގެ ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ރެންަކުން ހަމަލާ ދީ މުވައްޒަފުގެ ބޯފަޅާލައިފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު ކުންފުނީގެ މުވައްޒަފުން ވަނީ އަތުލައިގަނެފައިކަމަށެވެ. އަދި މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި ކަމަށާއި ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިކަމަށެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށް ވެސް ހުސެން ފަހުމީ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޓްރާންސްފޯމަރުން ވައްކަން ކުރީ ދެ މީހަކު ވެގެންނެވެ.

އޭނާ ވިދާޅުވިގޮތުގައި، ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަނީ ހައްދުން ނައްޓައިފަ އެވެ. މިއީ ޖެހިޖެހިގެން އެކަންކުރާތާ ހަތަރު ވަނަ ދުވަސް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ މީގައި އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ ވައްކަންކުރަން އުޅުމުގެ ތެރޭގައި ނުބައި ސްވިޗަކަށް ޖެއްސިއްޖެނަމަ ބާރުގަދަ ކަރަންޓް ޑިސްޓރިބިޔުޓްވެ ގޭބިސީތަކަށް ފޯރުމުން އެތައް ސަތޭކަ ބައެއްގެ ފުރާނައަށްވެސް ނުރައްކާވުން ކަމަށެވެ. އަދި އެއިރުން އެކަން ވެގެންދާނީ އެތައް ބައިވަރު ގޭބިސީތަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ އިތުރުން އެތައް ސަތޭކަ ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ކަމަކަށް ކަމަށް ފަހުމީ ވިދާޅުވިއެވެ.

ޓްރާންސްފޯމަރަށް ވަދެގެން ވައްކަން ކުރުމަކީ އާންމު ކަމެއް ކަމަށް މިފަހަކަށް އައިސް ވަނީ ވެފައެވެ. މީގެ ކުރިން ވަނީ ވައްކަން ކުރަން ޓްރާންސްފޯމަރަށް ވަދެ އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެސް ވެފައެވެ. އެކަމަކު ވެސް ވަގުން އެކަން ހުއްޓާނުލައި، ކަަރަންޓު ނަރުތައް ބުރިކޮށް ވިއްކާ މައްސަލަ ބޮޑެވެ.