English Edition
Dhivehi Edition

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ “ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް” މަޝްރޫޢު ކުރިއަށްގެންދިއުމަށް އެ ބޭންކުން ދޭ 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ޖަޕާނު ސަރުކާރުން ދޭ 2.5 މިލިއަން ޑޮލަރުގެ ފަންނީ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް ގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޑރ. ތިއާމް ހީ އެން.ޖީ އެވެ.

މި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ އޭޑީބީގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ގެވެށި އަނިޔާގެ ޝިކާރައަށްވާ އަންހެނުންނާއި ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރ ވަނީ މި ޚާއްސަ މަޝްރޫޢުގެ އެކި މަސައްކަތްތަކުގައި ޝާމިލުވާ އޭޝިއަން ޑިވެލޮޕްމަންޓް ބެންކާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އޭޑީބީގެ އެހީގައި ހިންގާ މި މަޝްރޫޢަކީ މައިގަނޑު ފަސް ނަތީޖާއެއް ޙާސިލްކުރުމަށް އަމާޒުހިފައިގެން 05 އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ލަނޑުދަނޑިތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކަމަކީ މިންތީގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ ތަޢާރަފްކޮށް، ބަޖެޓް އެކުލަވާލާއިރު ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ތައްޔާރު ކުރަން މުވައްޒަފުން ތަމްރީން ކުރުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާގެ ޤާބިލްކަން އިތުރުކުރުމާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މަދުކޮށް އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ތިން އަމާން ހިޔާ ނުވަތަ ‘ސޭފް ހޯމް’ ޤާއިމުކުރުމެވެ.

މި ތިން އަމާން ހިޔާ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެގަ އެވެ.

ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ ޢުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އިތުރުން ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޙައްޤަކަށް އުނިކަން ލިބިގެން ނުވަތަ ހާނިއްކައިގެ ޝިކާރައަކަށް ވެގެން ހުށަހެޅޭ މައްސަލަތަކުގައި ބޭނުންވާ ރައްކާތެރިކަމާއި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި މިނިސްޓްރީން ކުރަމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތެވެ.