English Edition
Dhivehi Edition

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުންނަށް މިއަދުން ފެށިގެން އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުން ޕްރައިމަރީގައި ވާދަކުރުމަށް, ޕާޓީގެ 500 މެމްބަރުންގެ ތާއީދާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 26 ޑިސެމްބަރ 2022 ގައެވެ. ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 28 ޑިސެމްބަރ 2022 ގައި ހުޅުވާލާއިރު ޝަކުވާ ބަލައިގަތުމުގެ އެންމެ ފަހުގެ ތަރީހަކީ 31 ޑިސެމްބަރ 2022 ވަނަ ދުވަހު 16:00 އެވެ
ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުމަށް ހަމަޖެހިފައިވަނީ 03 ޖެނުއަރީ 2023ގައެވެ.

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު ޖެނުއަރީ 10 ކުން 15 އަށް ހުޅުވާލާއިރު ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ 28 ގައެވެ.

2023ގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރަސްމީކޮށް ގޮތެއް ނުނިންމެވި ނަމަވެސް، ދެވަނަ ދައުރެއް އެމްޑިޕީއަށް ކާމިޔާބުކޮށްދޭން އެމަނިކުފާނު ތައްޔާރަށް ހުންނެވިކަން މީގެކުރިން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވާދަކުރެއްވުމުގެ ޝައުގުވެރިކަންވަނީ ފާޅުކުރައްވާފައެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް އެއްމަސް ދުވަހުގެ މުއްދަތެއްދޭން ޖެހެއެވެ.

ރިޔާސީ ޕްރައިމަރީގެ ތާއީދު ފޯމް

އޮންލައިން އެޕްލިކޭޝަން ފޯމް