English Edition
Dhivehi Edition

ޓެލެވިޜަން މޯލްޑިވްސް އިން ރަމަޟާންމަހު ދައްކާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި، ޤުރުޢާން މުބާރާތުގެ ގަދަ 8 ބައިވެރިން އިއުލާންކޮށްފިއެވެ. އަލިގަދަ ތަރި މުބާރާތުގައި އެންމެ މޮޅު ހުށައެޅުންތަކެއް ދައްކައިދީގެން ގަދަ، 8 ބައިވެރިންގެ ގޮތުގައި ހޮވިފައިވަނީ: ނަސްރަތު އިސްމާއީލް، އަލްޤާރީ މައުސޫމް ސަލީމް، އަލްޤާރީ މުޙައްމަދު އިސްމާއީލް، ފާތިމަތު މާޒިޔާ، އާމިލާ މުޙައްމަދު، އާލިމާ ޤާސިމްފުޅު، މަޙްތޫމާ ޝަރަފުއްދީން، ފާތިމަތު މަލްދާ މުޙައްމަދު. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އޮޑިޝަންތަކުން ހޮވުނު ގަދަ 12 ބައިވެރިންނާއެކު ފެށި މި މުބާރާތުގައި މާކުސް ދިނުމުގައި ބަލަނީ ، ކިޔެވުމުގެ ބައިން 90 މާކްސް، އަދި ތަޖުވީދުގެ ސުލާވާލުތައް ހިމެނޭ ބަޔަށް 10 މާކްސްއެވެ. ޓެލެވިޜަން މޯލްޑިވްސް އިން ރަމަޟާންމަހު ދައްކާ ޕްރޮގްރާމްތަކުގެ ތެރެއިން ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި، ޤުރުޢާން މުބާރާތަކީ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމުކޮށް ހުޅުވާލައިގެން ޒުވާނުންނާއި އޭގެ މަތީ ޢުމުރުފުރާތަކުގެ މީހުންނަށް ޚާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތެކެވެ.     ގަދަ ތިން ބައިވެރިންނާއެކު ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި 1438 ގެ ފައިނަލް 30 ޖޫންގައި ބޭއްވުމަށް ޕްރޮޑަކްޝަން ޓީމުންދަނީ މަސައްކަތްކުރަމުންނެވެ. ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1438 އިން އެއްވަނައަށްދާ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ އަގުހުރި އިނާމު ވަނީ ހުށަހަޅާފައެވެ. އިތުރު ވަނަތަކަށް ހޮވޭ ބައިވެރިންނަށް ޙައްޖުދަތުރާއި، ސްކޮލަޝިޕްތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ލިބިގެންދާނެއެވެ. މިއަހަރުގެ އަލިގަދަތަރީގެ ބައިވެރިން ޖަޖުކުރަނީ، އިސް ޖަޖް އަލްޤާރީ އިބްރާހިމް ޝިފާއު، އަލްޤާރީ ފާތިމަތު ރަޝީދުގެ އިތުރުން އައްޝައިޚް އަޙްމަދު މަޢުމޫންއެވެ.