އިއްޔެ ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ނިޔާވި ޏ.ފުވައްމުލަކު ބޮޑުމަގުގެ އިސްމާއިލް މޫސާގެ މައްޗައް ކުރެވޭ ކަށު ނަމާދު މިއަދު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
އިއްޔެ މެންދުރު 2:30 ކަންހާއިރު ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި އިއްސެ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މަރުވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.
އޭނާގެ މައްޗައް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
ފައިވާން އުފައްދާ ފެކްޓަރީއެއް ތައިލެންޑުގައި ހިންގާ އިއްސެ އަކީ ރާއްޖޭގައި ފައިވާން ވިއްކާ ފަރާތްތަކަށް ފައިވާން އުފައްދާ، ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރާ ވިޔަފާރިވެރިއެކެވެ. “ޖަމްބޯ ފޯވާޑިން ކުންފުނީ”ގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި، ބެންކޮކުގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައި މަސައްކަތްކުރާ އިއްސެ ރާއްޖެ އައިސްފައިވަނީ އޭނާގެ ކުންފުނީގެ އޮފީހެއް މާލޭގައި ހުޅުވުމަށެވެ.
މީގެ 22 އަހަރު ކުރިން، ދިމާވި މައްސަލަތަކެއްގެ ސަބަބުން ބެންކޮކްގައި ދިރިއުޅެމުންދާ އިއްސެ ވަނީ ރާއްޖެ އައުމަށްފަހު އޭނާގެ އުފަން ރަށް ފުވައްމުލަކަށްވެސް ގޮސްފައެވެ.
މާތްﷲ އިސްމާއިލް މޫސާގެ ފާފަތައް ފުއްސައި އޭނާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި.