ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ޚިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގުތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވަނީ މި ސަރުކާރުން ޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ޕްލޭނަށް އަލިއަޅުއްވާލައްވަފައެވެ.
މި ގޮތުން ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މާ ލަސްތަކެއް ނުވެ ފަށާނެ ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅޫވީ ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދުފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ޚާއްސަ ކުރާނެ ކަމަށެވެ. އަދި ޑޮމެސްޓިކް އުޅަނދުތަކަށް ޚާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް އަޅާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އިތުރަށް ޝާހިދު ވިދާޅުވީ އޭގެ ސަބަބުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުންޏަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެ ގިނަ ދުވަހަށް ޚިދުމަތް ކޮށްފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ ދީފައެވެ. އަދި ހިތަދޫ ޕޯޓްގައި މަދު ވަސީލަތްތަކާއެކު ފާއިތުވި 17 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ހުރިހާ މުވައްޒަފުންނަށް ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.