English Edition
Dhivehi Edition

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، ތެލަށް ބަރޯސާވުން މިހާރަށްވުރެވެސް ކުޑަކުރަންޖެހޭ ކަމުގައި ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި، ކަރަންޓުގެ ހިދުމަތަކީ، ސާފުވައި ފަދަ އަސާސީ އެއްޗަކަށް މިހާރު ވެފައިވާ ނަމަވެސް ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކާއެކު ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ކޯވިޑް-19ގެ ހާލަތުންނާއި، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތުގެ ސަބަބުންވެސް އެނގި ހާމަވާކަމުގައި ވިދާޅުވިއެވެ.

އަދި ތެލުގެ އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކުވެސް ސްޓެލްކޯއިން ކުރައްވާފައިވާ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރައްވައި އެމަސައްކަތްތައް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މާލޭގެ ކަރަންޓުގެ ހިދުމަތުގެ ތާރީޚަށާއި، ސްޓެލްކޯއިން މާލޭ ސަރަޙައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމައުގެ ފައިދާއަށް ކޮށްފައިވާ މުހިއްމު ގިނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ނައިބް ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީވެސް ކަރަންޓުގެ ހިދުމަތާ މެދުގައި ކަމަށެވެ. އަދި ފެނަކަ އާއި ސްޓެލްކޯގެ މަސައްކަތުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކުރެވި، ތިންސަތޭކައަށްވުރެ ގިނަ ޖެނެރޭޓަރު ސެޓް ރަށްރަށަށް ފޮނުވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށުނީ، 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ހިދުމަތްދެވި ތަރައްގީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރުގައެވެ.

ޓެގު