English Edition
Dhivehi Edition

ބިގްބޮސް 13 އިން ގިނަ ބައެއްގެ ލޯބި ހޯދި ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލްގެ ޖޯޑަކީ އަދިވެސް ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ ޖޯޑެކެވެ. އުމުރުން 40 އަހަރުގައި ހާޓްއެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް ސިދާތު މަރުވުން ވެގެން ދިޔައީ ޝެހެނާޒް އަށް އެކަމުގެ ވޭނާއި ހިތާމަ އުފުލަންޖެހުނު ކަމަކަށެވެ. އެ ހިތާމައިން އަރައިގަތުމަށް ދެ ފަރާތުގެ އާއިލާގެ ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބިގެން ދިޔަ ނަމަވެސް އަދިވެސް ސިދާތު ގެ ހަނދާންތައް ޝެހެނާޒްއަކާއި ވައްކެއް ނުވެއެވެ. އެ ހުރިހާ ހިތްދަތިކަމެއް ހިތުތެރޭގައި ރައްކާކޮށް، އަނެއްކާވެސް އޭނާ ފިލްމީ މަސައްކަތުގައި ‘ބިޒީވެ’ ގިނަ ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ.

އެހެންނަމަވެސް ސިދާތަށްޓަކައި އޭނާގެ ހިތުގައިވާ ލޯތްބަށް އެއްވެސް ބަދަލެއް ނާންނަކަން އެގިގެންދަނީ ބައެއް ފަހަރު ސޯޝަލް މީޑިއާގައި އޭނާ ހިއްސާކޮށްލާ ޕޯސްޓްތަކުންނެވެ. ސިދާތުގެ ހަނދާންތަކާއެކު އުޅެމުންދާ ޝެހެނާޒް މިވަނީ ސިދާތުގެ އުފަން ދުވަހު އޭނާގެ ފޮޓޯއައި އެކު އަނެއްކާވެސް އޭނާ ސިދާތު ދެކެވާ ލޯބި ހާމަކޮށްފައެވެ. މިއަދު، ސިދާތުގެ އުފަންދުވަހު ޝެހެނާޒް ކުރި ޕޯސްޓެއްގައިވަނީ ” އަހަންނަށް އަދި ކަލާ ފެންނާނެ. 12.12″ މިހެން ލިޔެލާފައެވެ.