English Edition
Dhivehi Edition

ޓީވީ އިންޑަސްޓްރީގައި ގިނަ ބައެއްގެ މަގުބޫލުކަމާއި ލޯބި ހޯދާފައިވާ ސިދާތު ޝުކުލާ ގެ ކުއްލި ވަކިވުމާއި އެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމަކާއި ހިތާމައެވެ. ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު މަރުވި ސިދާތުގެ ކުއްލި ވަކިވުމާއެކު އެންމެ ބޮޑު ހިތްދަތިކަމެއް ލިބިގެން ދިޔަ އެކަކަކީ އޭނާގެ ލޯބިވެރިޔާ ޝެހެނާޒް ގިލް (ސަނާ)އެވެ.

އުމުރުން 40 އަހަރުގެ ސިދާތުގެ މަރާއެކު ޝެހެނާޒްގެ ހާލު ގޯސްވެ ހޮސްޕިޓަލުގައިވެސް ފަރުވާދޭނެ ޖެހުނެއެވެ. ލޯބިވެރިޔާގެ ކުއްލި ވަކިވުމާއި އެކު ނަފްސާނީ ގޮތުންވެސް ޝެހެނާޒް އަށް ވަރަށް ބޮޑު އަސަރުތަކެއް ކޮށްފައިވައިރު، އޭނާގެ މިޒާޖުވެސް ވަނީ ބަދަލުވެފައެވެ. ކުރިން އަބަދުވެސް ހީ މަޖާކޮށް އުޅުނު ޝެހެނާޒްގެ އުފާވެރި މިޒާޖު ގެއްލި މީހުންނާއި ވާހަކަދެއްކުން ވަނީ މަދުވެފައެވެ. ސިދާތުގެ ވަކިވުމާއެކު ފިލްމީ މަސައްކަތްތަކާއި ވެސް ދުރުގައި ހުރުމަށްފަހު މި މަހުގެ ދެވަނަ ދުވަހު އޭނާގެ ފިލްމު ‘ ހޯސްލާ ރަކް’ގެ ޝޫޓިން އާއި ގުޅުނު ނަމަވެސް، ޝޫޓިން ތެރޭގައި ވެސް އޭނާއަށް ރޮވޭކަމަށް ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ވަނީ ބުނެފައެވެ.

ޝެހެނާޒްގެ ހިތްވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު، އޭނާ ވަނީ މި ފިލްމުގެ މަސައްކަތް ނިންމާލާ، ފިލްމު ރިލީޒްކުރަން ބުނި ތާރިހުގައި ރިލީޒްކުރުމުގެ ފުރުސަތުވެސް ދީފައެވެ. މި މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމު ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާއިރު، ފިލްމުވަނީ އެމެރިކާގެ ޓޮޕް 10 ޗާޓުންވެސް ޖާގަ ހޯދާފައެވެ.

ސިދާތުގެ ވަކިވުމާއެކު ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ހުއްޓާލާފައިވާ ޝެހެނާޒް މި ވަނީ އޭނާއަށް ހާއްސަ ޓްރިބިއުޓެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. “ތު ޔަހީން ހޭ” އަށް މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު މި ލަވަ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. މި ލަވައިން އެކަނިވެސް ޝެހެނާޒްގެ ހިތާމަވެރި، އަދި އެކަނިވެރި ދިރިއުޅުން ދައްކުވައި ދީފައިވާއިރު، ބިގްބޮސްގައި ޝެހެނާޒްއާއިއެކު ސިދާތު ހޭދަކުރި ލޯބި ވަގުތުތަކުގެ ކްލިޕްތައްވެސް މި ލަވައިން ފެނިގެން ދެއެވެ.

ޝެހެނާޒް އާއި ސިދާތުގެ މެދުގައިވާ ވަރުގަދަ ލޯބި ފެނިގެންދާ މި ލަވައިން ގިނަ ބައެއްގެ ހިތް ރޮއްވާލާފައިވާއިރު، ގިނަ ބަޔަކު ވަނީ ޝެހެނާޒް އާއި މެދު ހަމްދަރުދީވާކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ހިތްވަރުދީފައެވެ.