English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުން ޖަޕާން ބަލިކޮށް ކުއާޓާ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު މެޗުގައި ޖަޕާންގެ މައްޗަށް ކްރޮއޭޝިއާއިން ކުރި ހޯދީ މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވިއިރު، 1-1 އިން އެއްވަރުވެ، އިތުރު ވަގުތުގެ 2 ހާފުގައި ވެސް އިތުރު ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީގައި 1-3 ގެ ނަތީޖާއިންނެވެ.

މިއީ މިފަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަކުޅުމެއް ފެނުނުއިރު، އެއްވެސް ޓީމަކަށް ލަނޑުޖަހަން މާ ހުސް ފުރުސަތެއް ނުލިބެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ޖަޕާނުންނެވެ. އެގޮތުން އެ ޓީމުން ލީޑު ނެގީ 43 ވަނަ މިނިޓުގައި މައެދާ ޖަހައިދިން ލަނޑަކުންނެވެ. އޭނާ މި ލަނޑު ޖެހީ ޔޮޝިޑާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ޖަޕާނުން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފުު ނިމުނު ނަމަވެސް ދެ ވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ކްރޮއޭޝިއާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 55 ވަނަ މިނިޓުގައި ލޮވްރެން ނަގައިދިން ހުރަހުން ބޮލުން ޖަހާ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ޕެރިސިޗެވެ.

ދެ ވަނަ ހާފުގައި އިތުރު ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތައް ދެ ޓީމަށްވެސް ލިބުނެވެ. އެހެން ނަމަވެސް، އެއްވެސް ޓީމަކަށް ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.

މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނުއިރުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. ނަމަވެސް އިތުރު ވަގުތުގެ ދެ ހާފުގައިވެސް އިތުރު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޖަޕާނުން ޖެހި ފުރަތަމަ 2 ޕެނަލްޓީ ވެސް ކްރޮއޭޝިއާގެ ގޯލްކީޕަރ ލިވަކޯވިޗް މަތަކުރިއިރު، ކްރޮއޭޝިއާއިން ފުރަތަމަ ޖެހި 2 ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. ޖަޕާންގެ ތިންވަނަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ކްރޮއޭޝިއާގެ ތިންވަނަ ޮެނަލްޓީ ކާމިޔާބެއް ނުވިއެވެ. ޖަޕާންގެ 4 ވަނަ ޕެނަލްޓީ ވެސް ކްރޮއޭޝިއާގެ ގޯލްކީޕަރ މަތަކުރިއިރު، ކްރޮއޭޝިއާގެ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބުކޮށް ކުއާޓާގެ ޖާގަ ކަށަވަރުކުރިއެވެ.