English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ އޮސްޓްރޭލިއާ 2-1 އިން ބަލިކޮށް އާޖެންޓީނާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ރޭ ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އާޖެންޓީނާ އިންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ އޮސްޓްރޭލިއާއިންނެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ލިބުނު ކޯނަރަކުން އޮސްޓްރޭލިއާގެ ހެރީ ސައުއްޓާ ބޮލުން ފޮނުވާލި ހަމަލާ އާޖެންޓީނަގެ ކްރިސްޓަން ރޮމޭރޯ ވަނީ މަތަ ކޮށްފައެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ މެސީއެވެ. މިއީ ނިކޮލަސް އޮޓަމެންޑީ ދިން ޕާހަކުން މެސީ ތިރިތިރީން ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައިން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި 9 ގޯލު ޖަހާ ޑިއާގޯ މެރެޑޯނާގެ ރެކޯޑް މުގުރާލައިފައެވެ. އަދި މިއީ މިފަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި މެސީ ޖެހި ތިންވަނަ ގޯލެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އާޖެންތީނާ ލީޑުގައި އޮވެގެންނެވެ. ދެވަނަ ހާފު އާޖެންޓީނާ އިން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން މުޅި ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން މެޗުގެ 47 ވަނަ މޮނެޓުގައި މެސީ ފޮނުވާލި ހަމަލާއެއް އޮސްޓްރޭލިއާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. އާޖެންޓީނާ އިން ލީޑު ފުޅާ ކުރީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މިއީ އޮސްޓްރޭލިއާގެ ކީޕަރު މަތިއު ރަޔަން ހެދި ގޯހެއްގެ ފައިދާ ނަގައި ހޫލިއަން އަލްވަރޭޒް ގޯލުތެރެއަށް ވައްދާލި ބޯޅައަކުން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލަށް ފަހު ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާޖެންޓީނާ އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ފަހު ހާފުގައި ގެނައި ގިނަ ބަދަލުތަކަކާއި އެކު އޮސްޓްރޭލިއާއިން ކުޅުމުގެ ތެރެއަށް ވަދެ އާޖެންތީނާއަށް ޕްރެސަރު ބޮޑުކުރި އިރު، މެޗުގެ 65 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ ރަނގަޅު ހަމަލާއެއް ވެސް އުފައްދާފައެވެ. ނަމަވެސް އާރުން މޫއީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރުމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޮސްޓްރޭލިއާގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ކްރެއިގް ގުޑްވިން ފޮނުވާލި ހަމަލާ ބްލޮކް ކުރަން އުޅުމުގެ ތެރެއިން އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. އޭގެ ފަހުން މެޗުގެ 82 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ އަޒީޒް ބެހިޗް އާޖެންޓީނާގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާތެރެއަށް ވަދެ ފޮނުވާލަން މަސައްކަތްކުރި ހަމަލާ ބްލޮކް ކުރީ އާޖެންޓީނާގެ ލިސާންދްރޯ މާޓިނޭޒްއެވެ.

އޭގެ ފަހުން އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒްއަށް ވަނީ ގޯލުޖަހަން ހުސް ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް މާޓިނޭޒް ފޮނުވާލި ހަމަލާތައް ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗު ނިމެން 40 ސިކުންތަށް ވެފައި އޮސްޓްރޭލިއާއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ގަރަންގް ކޯލް އުފެއްދި ހަމަލާ އާޖެންޓީނާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. ކުއާޓާ ފައިނަލްގައި އާޖެންޓީނާ ބައްދަލު ކުރާނީ އެމެރިކާ ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި ނެދަލެންޑްސްއާއެވެ.