ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ތައުރީފް ކުރައްވައިފި އެވެ.
ރައީސް ނަޝީދު، ރޮޒައިނާއަށް ތައުރީފް ކުރެއްވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ގދ. ތިނަދު އަށް ވަޑައިގެން ދޮރުން ދޮރަށް ވަޑައިގެން، ޕާޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރޭގަ އެވެ.
އާންމު މީހަކު ނަޝީދުގެ އަރިހުގައި ރޮޒައިނާ އާ ގުޅޭ ޝަކުވާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އެ މީހާ ނަޝީދުގެ އަރިހުގައި ޝަކުވާ ކުރީ، އެ މީހާ ހާލުގައި ޖެހުނު އިރު، ރޮޒައިނާ އޭނާ އާ ބައްދަލުކޮށްފައި ނުވާ ކަމަށާއި، ރޮޒައިނާ ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ވެއްޖެ ކަމަށެވެ.
އެހެންނަމަވެސް ރައީސް ނަޝިދު ވިދާޅުވީ “ނޫން، ނޫން. ރޮޒައިނާ [އަކީ] ވަރަށް އަހްލާގު ރަނގަޅު، ވަރަށް ރަނގަޅު ބޭފުޅެއް.” ކަމަށެވެ.
“ރޮޒައިނާ އަޅުގަނޑުމެންގެ ދަތިތައް، އަޅުގަނޑު މިހުރީ އަސްލު މަގުމަތިވެފަ. މިރަށުގަ މި އުޅެން ޖެހުނީ މާލޭގަ ނުތިބެވިގެން ކުދިންގެ ކިޔެވުން ހަލާކުވެގެން ދިޔައީ، ވަޒީފާ ގެއްލިގެން ދިޔައީމަ.” އެ މީހާ ނަޝީދުގެ އަރިހުގައި ޝަކުވާ ކުރަމުން ދިޔައެވެ.
“ރޮޒައިނާ އާ ބައްދަލެއް ވެސް ނުވި އުޅެ އުޅެ. ކީއްކުރާ މެންބަރެއްތޯ އެއީ؟”
ރޮޒައިނާ އަށް ތައުރީފް ކުރައްވާ ނަޝީދު ވާހަކަފުޅު ދެއްކެވިއިރު، ނަޝީދަށް އެންމެ ގިނައިން ފާޑުވިދާޅުވާ އެއް ބޭފުޅަކީ ވެސް ރޮޒައިނާ އެވެ.
އެގޮތުން ރައީސް ނަޝީދަކީ މަޖިލީހުގެ ތާރީޚުގައި އެންމެ ހުދުމުޚުތާރު އެއް ރައީސް ކަމަށް ވިދާޅުވެފައިވާއިރު، ޓްވިޓަރ ގައި ވެސް ގެންދަވަނީ ނަޝީދަށް ފާޑުވިދާޅުވަމުން ނެވެ.