English Edition
Dhivehi Edition

ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިސް އެކްސަލެންސީ ސޫ ކޮކް ލެންގް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާ ބައްދަލުކުރައްވައި އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ސިންގަޕޫރު ގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ވަކިން ޚާއްޞަކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ތަޢުލީމާއި، ވިޔަފާރީގެ ދާއިރާއާއި، ދަނޑުވެރިކަމާއި، އިޢާދަކުރަނިވި ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސިންގަޕޫރު ސަފީރު މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދެއްކެވި އެވެ.

މީގެ އިތުރުން ތަޢުލީމީ ކަރިކިއުލަމް ޑިވެލޮޕްކުރުމާއި ވޮކޭޝަނަލް ތަމްރީނާއި ޒަމާނީ ދަނޑުވެރިކަމުގެ ގޮތްތަކާއި ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަދަ އިނިޝިއޭޓިވްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ދެ ޤައުމުންވެސް ޢިލްމާއި ތަޖުރިބާ ޙިއްޞާކުރަންޖެހޭކަން ދެބޭފުޅުން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަފީރު ގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ނެވެ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.