English Edition
Dhivehi Edition
މީދޫ އީދިގަމޫލު ޕާކުގައި ކުޑަކުދިންތަކެއް : ފޮޓޯ އޭއޯ ނިއުސް

ރާއްޖޭގައި، އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ނިންމާ، ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފި އެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާ ބެހޭ މި ބިލުގެ ބޭނުމަކީ އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމެވެ.އަދި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި މަރުވާ މީހުން ރަޖިސްޓްރީ ކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުމެވެ. ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ 52 މެންބަރުންގެ ވޯޓުންނެވެ.

މި ބިލުގައިވާ ގޮތުން ކުއްޖާ އުފަންވާތާ ހަތް ދުވަސް ތެރޭގައި ރަޖިސްޓްރީކުރަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން މައިންބަފައިންގެ މައްޗަށް ވަނީ ލާޒިމުކޮށްފައެވެ. އަދި އާންމުކޮށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި ރައްޔިތަކަށް ލިބިފައިވާ ކުއްޖެއްނަމަ ރާއްޖެ އަންނަތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް ކޮމިޓީ މަރުހަލާގައި މިބިލަށް ގެނައި އިސްލާހާއެކު، ޖޫރިމަނާ ކުރާނީ އެކުށް ކުރި ހާލަތަށް ބެލުމަށްފަހުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން ގަވައިދާ ހިލާފަށް ގަސްދުގައި ފޫޅުމާ ފޯމެއް ނުވަތަ އުފަންވުމުގެ ރަޖިސްޓްރީއެއް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓެއް ނުވަތަ އައިޑީކާޑެއް ހައްދައިދީފިނަމަ 15،000 ރުފިޔާއާއި 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް މި ބިލުގައިވަނީ ބުނެފައެވެ.