ކުރީގެ މަޝްހޫރު ފިލްމުތައް އަލުން އުފެއްދުން ނުވަތަ އެ ފިލްމު ތަކުގެ ދެވަނަ ބައެއް ނެރުން މިއީ ބޮލީވުޑްގައި މިފަހަކަށް އައިސް ކުރާ ކަމަކެވެ. އެ ގޮތުން ސިދާތް މަލްހޯތްރާ އަދި އާލިއާ ބަޓް އާއި އެކު ސަޑަކް 2 ނެރެން ހަމަ ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
‘ސަޑަކް’ އަކީ 1991 ގައި ނެރުނު އަދި އޭރު ވަރަށް މަގްބޫލު ވެގެން ދިޔަ ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި އޭރު ފެނިގެން ދިޔައީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ސަންޖޭ ދަތު އާއި ޕޫޖާ ބަޓް އެވެ.
ބޮލީވުޑްގެ އެތެރޭގައި އުޅޭ ފަރާތަކުން މަޝްހޫރު ޓެބްލޮއިޑް އަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މީގެ ކުރިން މި ދެތަރިން އޮތީ ‘އާޝިގީ 3’ ކުޅުމަށް ކަމަށެވެ. ނަމަވެސް އެ ފިލްމް ވަނީ އިހަށް މަޑު ޖައްސާލާފައެވެ. އަދި މި ދެތަރިން ވަނީ ‘ސަޑަކް 2’ ކުޅުމަށް ނަގާފައި ކަމަށެވެ.
މި ފިލްމުގެ ޑައިރެކްޓަރެއް އަދި މިވަގުތަކަށް ހަމަ ޖެހިފައި ނުވާ ކަމަށް އެފަރާތުން ބުނެއެވެ. ނަމަވެސް ފިލްމް އުފައްދާ ވިޝޭޝް ފިލްމްސް އިން އަވަހަށް ކާސްޓިން ނިންމާލަނީ އަވަހަށް މަސައްކަތް ފެށުމަށް ކަމަށް ވެއެވެ.
‘ސަޑަކް 2’ ގައި ސަންޖޭ އަދި ޕޫޖާ އެމީހުންގެ ކުރީގެ ރޯލު އަދާ ކުރާނެ ކަމަަށް ވެސް ވަރަށް ބޮޑަށް ބެލެވެއެވެ.
ދާދި ފަހުން ‘ސަޑަކް 2’ އާއި ބޭހޭ ގޮތުން ޕުޖާ ބަޓް ބުނެފައިވަނީ، ފިލްމުގެ ވާހަކަ ކުރިއަށް ދާނީ ކުރީގެ ފިލްމު ނިމުނު ހިސާބުން ކަމަށެވެ. ނަމަވެސް ފިލްމުގައި ‘މަހަރާނީ’ (ރޯލް ކުޅުނު ސަދަޝިވް އަމްރަޕުރުކަރު ވަނީ ނިޔާވެފަ) ނެތުމުން އެކަން ދައްކާނެއެވެ. ނަމަވެސް ފިލްމުގައި ފުރިހަމަ ވަނީ ސަންޖޭ ވެސް ހުރުމުން ކަމަށެވެ.
ކޮންމެ ގޮތެއްވިޔަސް ބެލުން ތެރިން އިންތިޒާރު ކުރަމުން މިދަނީ ސަޑަކް 2 އަށެވެ. ކުރީގެ ފިލްމުގެ އިހްސާސްތައް ގެނެވޭނެ ތޯ ބަލަމުން އެބަ ދެއެވެ.