English Edition
Dhivehi Edition

ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި މިއަދު ޓިއުނީޝިއާއާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށް އޮސްޓްރޭލިއާ ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

ޓިއުނިޝިއާއާ އަތުން އޮސްޓްރޭލިއާ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

ޤަތަރުގެ އަލް ޖަނޫބު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ދެފަރާތުންވެސް ދައްކަމުން އައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ރަނގަޅަށް ކުޅެ ހަމަލާ އުފައްދަން ބުރަކޮސް މަސައްކަތް ކުރި ނަމަވެސް މާ ހުސް ފުރުސަތެއް އެއްވެސް ޓީމަކަށް ނުލިބެއެވެ.

މެޗުގައި އޮސްޓްރޭލިއާއިން ލީޑު ނެގީ ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށް އޮސްޓްރޭލިއާއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. އޮސްޓްރޭލިއާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ މިޗެލް ޑޫކްއެވެ. އޭނާ މި ލަނޑު ޖެހީ ގުޑްވިން ނަގައިދިން ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާއިގެންނެވެ.

މި ލަނދަށް ފަުވެސް ދެ ތީމުން ލަނޑު ޖަހަން ފުރުސަތު ހޯދުމަށް މަސަްކަތް ކުރިއިރު، ފުރަތަމަ ހާފް ނިމުމާއި ގާތް ވެފައި ވަނިކޮށް ޓިއުނީޝިއާއަށް ވަނީ ނަތީޖާ ހަމަހަމަ ކޮށްލާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޖެބާލީ ނަގައިދިން ހުރަހަކުން ގޯލާއި ވަރަށް ކައިރިން ކެޕްޓަން ޔޫސުފް މްސާކްނީ ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފައެވެ.

ޓިއުނީޝިއާއިން ދެވަނަ ހާފް ވެސް ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން ޓިއުނީޝިއާއިން ދިޔައީ ކުރިއަށް ޖެހި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޮސްޓްރޭލިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލާ ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ގުރޫޕުގެ ފުރަތަ މެޗުން އޮސްޓްރޭލިއާ ފްރާންސް އަތުން 1-4 އިންން ބަލިވި ނަމަވެސް މި މެޗު ކާމިޔާބު ކުރުމުން އެޓީމަށް ދެވަނަ ބުރަށް ދިއުމަށް ވަނީ ފުރުސަތު ލިބިފައެވެ. އެގޮތުން މި މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު އޮސްޓްރޭލިއާ ވަނީ ގުރޫޕް ޑީގެ ދެވަނަ އަށް ޖެހިލާފައެވެ. އަދި މި މެޗުން ބަލިވި ޓިއުނީޝިއާ އޮތީ ފުރަތަމަ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު ގުރޫޕުގެ އެންމެ ފުލުގައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިއާ ބައްދަލުކުރާނީ ފްރާންސާއެވެ. އަދި އޮސްޓްރޭލިއާ ބައްދަލުކުރާނީ ޑެންމާކާއެވެ. މި ދެ މެޗުވެސް ކުޅޭނީ މަހުގެ 30 ވަނަ ދުވަހު އެވެ.