English Edition
Dhivehi Edition
ޑިފެންސް މިނިސްޓަރ މާރިޔާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ހަފުލާގައި - ފޮޓޯ: އެމްއެންޑީއެފް

ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ސިފައިންގެ ސަދަން އޭރިޔާ ކޮމާންޑަށް 39 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް މުޖުތަމައުގައި އެފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެ ތިބެ ކެނޑިނޭޅި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. ދާދި ފަހުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނާއި ގުޅޭ ގޮތުން މާރިޔާ ވިދާޅުވީ ނާކާމިޔާބުކުރި ހަމަލާއަކީ މިހާތަނަށް ނާކާމިޔާބުކުރި އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވެފައިވާއިރު، ފުލުހުން ވަނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން، ޓެރަރިސްޓު ޖަމިއްޔާ އައިއެސްއާއި ގުޅިގެން ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނުކަން ހާމަކޮށްފައެވެ