English Edition
Dhivehi Edition

މިވޭތުވެ ދިޔަ 4 އަހަރަކީ ހަމަހަމަ 4 އަހަރުގެ ގޮތުގައި މިސަރުކާރުން ފާހަގަކުރެއްވިޔަސް، މި 4 އަހަރުތެރޭ ތ. އަތޮޅަށް އިޤްތިޞާދީ ގޮތުން އެއްވެސް އަޅާލުމެއް ދެވިފައި ނެތްކަމުގައި އެމްއެންޕީގެ ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޟް ފާހަގަކުރައްވައިފިއެވެ.

ޕީޖީ ލީޑަރ މިހެން ފާހަގަކުރެއްވީ 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ޕީޖީ ލީޑަރ ރިޔާޟް ވިދާޅުވީ މިއީ މަޖިލީހުގައި ހޭދަކުރައްވާ 2 ވަނަ ދައުރު ކަމަށާއި، މިހާތަނަށް އައިއިރު މުޅިންވެސް ހުށަހަޅަނީ ސިޔާސީ ބަޖެޓުތަކެއް ކަމަށާއި، 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފެނިގެން ދަނީ އިންތިޚާބަށް ތައްޔާތުކޮށްފައިވާ ބަޖެޓެއްގެ ގޮތުގައި ކަމަށެވެ.

މިއަދުގެ ޖަލްސާގައި ޕީޖީ ލީޑަރ ރިޔާޟް ފާހަގަކުރެއްވި އިޤްތިޞާދީ ގޮތުން ހަމަހަމަ 4 އަހަރުގެ ދެންނެވެން ނެތް ކަމުގައެވެ. އަދި މި 4 އަހަރުތެރޭގައި ތ. އަތޮޅުވަނީ އިހުމާލުކޮށްފައި ކަމުގައެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެންމެ ރަށެއް ދޫކޮށްފައި ނެތް ކަމުގައެވެ. ދަނޑުވެރިކަމުގެ މަސައްކަތަށްވެސް އެއްވެސް ރަށެއް ދެވިފައި ނެތް ކަމުގައެވެ. އޭގެ އިތުރުން ތ. އަތޮޅަކީ މަސްވެރިން ގިނަ އަތޮޅެއް ކަމަށާއި، މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ތ. ފުނައްޑޫ ގައި މަސްގަތުމުގެ މަސައްކަތެއްވެސް ނުހިންގާ ކަމުގައެވެ. އަދި ތ. އަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓް ކަމުގައިވާ ތިމަރަފުށީ އެއަރޕޯޓަށް ޖައްސަނީ ހަފްތާއަކު އެންމެ 2 ފްލައިޓް ކަމަށާއި، މިއީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރުވެސް މިކަން އޮތް ގޮތް ކަމުގައެވެ.

ޕީޖީ ލީޑަރ ރިޔާޟްގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި 2019 ވަނަ އަހަރުގެ ބަޖެޓުގައި ހޮސްޕިޓަލަކާއި ޖޫނިއާ ކޮލެޖެއްގެ ވާހަކަ އޮތް ކަމުގައެވެ. އަދި މިދެންނެވުނު ހޮސްޕިޓަލް އެޅުމަށް ބަޔަކާ ހަވާލުކުރުމުގެ ރަސްމިއްޔާތަށް ހުދު ޕީޖީ ލީޑަރ ރިޔާޟް ވެސް ގެންދިޔަ ކަމަށާއި، މިވާހަކަ ނޫސްތަކުގައި ވެސް އޮތް ކަމުގައެވެ. ނަމަވެސް އޭގެ ފަހުން އެޕްރޮޖެކްޓްތަކަށް ވީގޮތްވެސް ނޭނގޭ ކަމުގައެވެ. މިހޮސްޕިޓަލާއި ޖޫނިއާ ކޮލެޖާ ބެހޭ ގޮތުން ތިމަރަފުށީ ރައްޔިތުން ސަރުކާރާ ސުވާލުކުރާ ކަމަށާއި މިޕްރޮޖްޓްތަކުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރެވިފައި ނުވާ ކަމުގައެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކަމަށްވާ ކިނބިދޫ-ވޭމަންޑޫ ކޯޒްވޭގެ ވަޢުދު ފުއްދުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި މަދު ލާރިކޮޅެއް ހިމަނާލުން ނޫން އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމުގައެވެ. މިމަސައްކަތުގެ ތަފްސީލާމެދު ފިނޭންސް މިނިސްޓަރާ ސުވާލުކުރުމުން އެމަސައްކަތް އެވޯޑްކުރިކަމުގެ އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަމުގައެވެ. އަދި މިސަރުކާރުގެ ކުރިއަށް މިއޮތް އަހަރެއްހާ ދުވަސްތެރޭ މިކޯޒްވޭގެ މަސައްކަތް ނިންމުމަށް ކުރާނީ ކޮންކަމެއްތޯވެސް ތ. އަތޮޅުގެ ރައްޔިތުން އެނގެން ބޭނުންވާ ކަމުގައެވެ.

ބަޖެޓު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި ޕީޖީ ލީޑަރ އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ތ. އަތޮޅުގެ ހުރިހާ ރައްޔިތުން ބޭސްފަރުވާއަށްދާ ވޭމަންޑޫ ހޮސްޕިޓަލްގެ އިމާރާތް ހުރީ ބާވެފައި ކަމަށާއި އެތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތެއް ކުރެވިފައި ނެތް ކަމަށާއި އެތަން ތަރައްޤީކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމުގައެވެ. އަދި ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން އެންމެ ގަދައަށް ފާހަގަކުރަމުންދާ އާރްޓީއެލް ފެރީގެ ޚިދުމަތްވެސް އެންމެ ފަހުން ލިބޭނެ އަތޮޅެއްގެ ގޮތުގައި އޮތީ ތ. އަތޮޅުކަމުގައެވެ.

މިކަންކަމުގެ އިތުރުން ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ފެއްޓި ކަމަށާއި އެއްވެސް ރައްޔިތަކަށް އަދި ހިޔާވަހިކަމެއް ލިބިފައި ނެތް ކަމަށާއި، ތިމަރަފުށީގެ މަގުހެދުމުގެ ޕްރޮޖެކްޓްވެސް ފެއްޓި ކަމަށާއި، އަދި މިއަދާ ހަމައަށްވެސް އެންމެ ތާރުކޮޅެއްވެސް އެޅިފައި ނެތްކަމަށާއި، މީގެ އެއްވެސް ޕްރޮޖްކްޓެއް ކުރިއަށް އޮތް 5 އަހަރުތެރޭގައިވެސް ނިމޭނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމުގައެވެ.

ޕީޖީ ލީޑަރ ރިޔާޟްގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި 2019 އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ތިމަރަފުށީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ހިމަނާކަމަށާއި، ބަޖެޓުގައި ހިމެނުމަކުން އަދި މިއީ ކަންވުމެއް ނޫންކަމުގައެވެ. އަދި މިސަރުކާރު އައި އިރުވެސް ވޭމަންޑޫގެ ނަރުދަމާގެ މަަސައްކަތް އޮތީ ހަވާލުކޮށްފައި ކަމަށާއި އެމަސައްކަތް ކުރިޔަށް ނުދާ ކަމުގައެވެ. ނަމަވެސް ބަޔަކާ މަސައްކަތެއް ހަވާލުކުރުމުން އެއީ ޕްރޮޖެކްޓް ހާސިލްކުރެވުން ކަމަށް ދެކޭ ނަމަ އެއޮތީ އެކަން ކުރެވިފައި ކަމުގައެވެ.

ޕީޖީ ލީޑަރ ރިޔާޟްގެ ވާހަކަފުޅު ނިންމަވާލަމުން ފާހަގަކުރެއްވީ ބަޖެޓު ކޮމިޓީގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި ދެ ހުށަހެޅުމެއް ހުށަހެޅުއްވިކަމުގައެވެ. އެގޮތުން، މަސްވެރިންނަށް ދެވޭ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ 250 މިލިއަން ރުފިޔާ މިފްކޯއަށް ދިނުމުގެ ބަދަލުގައި ސީދާ މަސްވެރިންނަށް ދެވޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށާއި ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 70 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުގައި ހިމެނުމަށް ހުށަހެޅިކަމުގައެވެ. ނަމަވެސް މިިވާހަކަ އަޑުއަހަންވެސް ބަޖެޓު ކޮމިޓީން ބޭނުންނުވި ކަމަށާއި އަދި ތާޢީދެއް ނުލިބުނު ކަމުގައެވެ.