English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: ސީޓީއެލް ސްޓްރެޓެޖީސް

ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހައިކޯޓު، ރިސެސް އަށް ދާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ހައިކޯޓުން ބުނީ އެ ކޯޓުގެ ގަވާއިދުގެ ދަށުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިސެސްއަށް ދިއުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ހައިކޯޓުގެ ގަވާއިދުގައި ބުނާ ގޮތުން، ޑިސެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، އޮންނާނީ ރިސެސްގަ އެވެ.

ރިސެސްއަށް ދިޔަ ނަމަވެސް ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން ވެސް ޑިސެމްބަރު 1 އިން 30 ގެ ނިޔަލަށް ރިސެސް އަށް ދިޔުމަށް ޤާޟީންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ޚާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

އެގޮތުން، ރިސެސްގައި އޮތް ނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުޤީޤުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާއިރު ޑިސެމްބަރު މަހުން ފެށިގެން ހައި ކޯޓުވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފަ އެވެ.