English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ، ސަފީރު، އާދަމް މަޒްރަވީ ޖައުފަރު ޞާދިޤު، އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެއާ ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް، ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާ ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި ވެދެއްވަމުން ގެންދަވާ އެހީތަކާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ބަދަހިގުޅުމެއް އޮތްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް ސްރީލަންކާގެ ސަފީރު ކުރެއްވި، އިޙްތިރާމްގެ މިޒިޔާރަތުގައި ދެބޭފުޅުން ވަނީ، އިޤުތިޞާދާއި ވިޔަފާރީގެ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ސްރީލަންކާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ އާއިލާތަކަށް ވިސާގެ ލުއިތައް ދިނުމާއި ގުޅޭ ގޮތުން ސްރީލަންކާ ސަރުކާރުން ވިސްނަވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްޤައުމުން އަނެއް ޤައުމަށް އެހީވުން ހިމެނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ފަންނީ ދާއިރާތަކުން މަޢުލޫމާތާއި ތަޖުރިބާ ބަދަލު ކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ބޭއްވުނު އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސާއި ގުޅޭ ގޮތުން ވިދާޅުވީ، އެކޮންފަރެންސުން ޙާޞިލްކުރެވުނު އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމަށް ފަންޑެއް ޤާއިމް ކުރެވުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ފަންޑުގެ ސަބަބުން ދިވެހިރާއްޖެ އާއި ސްރީލަންކާގެ އިތުރުންވެސް މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި ކުރިމަތިލާން ޖެހޭ ޤައުމުތަކަށް ފައިދާކުރާނެ ކަމަށެވެ.

އަދި މީގެ އިތުރުން، ސްމޯލް އައިލެންންޑް ޑިވޮލޮޕިންގ ސްޓޭޓް (ސިޑްސް)ގެ މެމްބަރު ޤައުމުތަކަށް، ކުރިމަތިވަމުން އަންނަ މާލީ ހީނަރުކަމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތައް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނެސް ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ރާއްޖެއިން ކުރަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވެސް ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއިން، ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 1965 ވަނަ އަހަރުގައެވެ.