English Edition
Dhivehi Edition

“ބިގް ބޮސް 13” އިން ގިނަ ބައެއްގެ ލޯބި ހޯދި ޝެހެނާޒް ގިލް (ސަނާ) އަކީ އަބަދުވެސް އެހެން މީހުންނަށް ވަރަށް އިހްތިރާމްކުރާ ތަރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތެކެވެ، ބިގް ބޮސްގެ ގޭގައި ޝެހެނާޒް އުޅުނުއިރުވެސް އޭނާގެ މަޖާ މިޒާޖާއި ހިތްހެޔޮކަމުގެ ސަބަބުން އެންމެންވެސް އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ،

އެކްޓަރު ސިދާރްތު ޝުކްލާ އާ އޭނާގެ ގުޅުން ޝޯގެ ބެލުންތެރިންގެ ހިތް އަތުލިއިރު ސިދާތު މަރާ އެކު އޭނާއަށް ލިބުނު ފުން ހިތާމަތަކުން އެންމެންގެ ހަމްދަރުދީ އޮހިގެން ދިޔައެވެ. ޒުވާން ދުވަސްވަރު ދިމާވި ހިތްދަތި ހާދިސާއާއި އެކު ވެސް އޭނާ އަމިއްލައަށް ހިތްވަރުކޮށް، ބޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން އަބަދުވެސް އޭނާއަށް ތައުރީފް އޮހެމުންދެއެވެ.

ދާދި ފަހުން ދުބާއީ ގައި އޮތް އިވެންޓަކަށް ދިއުމަށް ޝެހެނާޒް ތައްޔާރުވަމުންދިޔައިރު، އޭނާއަށް ތާއިދުކުރާ ފަރާތްތަކުން މުޅި އެ ސަރަހައްދުވަނީ ފުރާލާފައެވެ. ޝެހެނާޒް ލިފްޓަށް އަރަން ދިޔަ ވަގުތު ތޮއްޖެހިފައިވާ ސަޕޯޓަރުން ދުރުކުރުމަށް ބޮޑީގާޑުން މަސައްކަތްކުރަމުން ދިޔައިރު، އޭނާގެ ސަޕަޓަރެއްގެ ގައިގައި އަތްއަޅާ ކޮއްޕާލުމުން ޝެހެނާޒް ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި ގޮތުން ޝެހެނާޒް ވަނީ އެ ސަޕޯޓަރު މަސައްކަތްކުރީ އޭނާ އާއި އެކު ފޮޓޯއެއް ނެގުމަށްކަމަށާއި އެ ގޮތަށް ކޮއްޕާލައިގެން ނުވާނެކަމަށް ބުނެ ބޮޑީގާޑާއި ވާހަކަދައްކާފައެވެ. ޝެހެނާޒް ގެ މި އަމަލާއެކު އެތަނަށް އެއްވެފައިވާ މީހުން އޭނާއަށް ތަރުހީބުދީ އަތްތިލަ ބަޑިޖަހަން ފެށިއިރު މި ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައިވެސް ވަރަށް ބޮޑަށް ވައިރަލްވެފައެވެ،