English Edition
Dhivehi Edition

މި އަހަރު ގަތަރުގައި ބާއްވާ ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕް ފެށިގެންދާނީ ގުރޫޕް އޭގައި ހިމެނޭ އިކުއެޑޯ އަދި މުބާރާތް ބާއްވާ ގައުމު ގަތަރު ބައްދަލުކުރާ މެޗުންނެވެ. ގުރޫޕް އޭގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު އިކުއެޑޯއާއި ގަތަރު ބައްދަލުކުރާއިރު، މި މެޗަށް ނިކުންނަ ދެ ޓީމުވެސް ވަނީ މި މެޗަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިފައެވެ.

މިއީ ގަތަރުގެ ތާރީޚުގައި އެގައުމު ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަަމަ ފަހަރު ކަމަށްވުމުން، އެ ޤައުުމުގެ ސަޕޯޓަރުން މި މުބާރާތައް ކުރާ އުންމީދު ބޮޑެވެ. އެގޮތުން މި ފަހަރުގެ ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ވޯލްޑް ކަޕުގެ ތާރީޚުގައި ރަންއަކުރުން ގަތަރުގެ ނަން ފަވާލުމައް އެގައުމުން ގިނަ މަސައްކަތަ ތަކެއް ކުރާނެ ކަން ޔަގީނެވެ.

ގަތަރުން ވޯލްޑް ކަޕުގައި ކުޅުމަށް ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އައި ދިގު އުންމީދުތަކުގައި ކުލަ ޖެހިފައިވާއިރު، މިރޭ އިކުއެޑޯއާއި ދެކޮޅަށް ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުން މޮޅެއް ހޯދުމަކީ އެގައުމުގެ ސަޕޯޓަރުން ދެކެން ބޭނުންވާނޭ ކަމެއްކަން ޔަގީނެވެ.

އޭސިއާ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ގަތަރުގެ ފުޓްބޯޅައަށް ބަލާއިރު، އެގައުމުން ވެސް ވަނީ މި މުބާރާތައް ތައްޔާރު ވުމަށް ގިނަ ޕްރެކްޓިސް މެޗުތަކެއް ކުޅެފައެވެ. އެގޮތުން އެ ޓީމުން ނިމިގެން ދިޔަ އޮކްޓޫބަރު މަހުގައި އެކުވެރިކަމުގެ ފަސް މެޗެއް ވަނީ ކުޅެފައެވެ. އެ ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ގަތަރު ބަލިވެފަައެއް ނުވެއެވެ. ގަތަރުން ވަނީ ހޮންޑިއުރަސް، ޕެނަމާ އަދި އަލްބޭނިޔާ ފަދަ ގައުމުތައް ބަލިކޮށްފައެވެ.

މާދަމާރޭ މެޗުގައި ގަތަރާއި ދެކޮޅަށް ނިކުންނަ އިކުއެޑޯ އަކީ ވެސް ސަރަހައްދީ މުބާރާތްތަކުގައި ވެސް އަދި ވޯލްޑް ކަޕުގައި ވެސް މީގެ ކުރިން ކުޅެ ތަޖުރިބާ ލިބިފައިވާ ޓީމެކެވެ. ނަމަވެސް މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ޓީމެއް ނޫންނެވެ. މިހާތަނަށް ތިން ވޯލްޑް ކަޕުގައި އިކުއެޑޯއިން ކުޅެފައިވީ ނަމަވެސް އެގައުމަށް މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ނަމަވެސް 2006 ގެ ވޯލްޑް ކަޕިގެ ދެވަނަ ބުރަށް އެ ޓީމުން ދަތުރު ކުރިއެވެ.

އިކުއެޑޯއިންވެސް ވަނީ މިފަހަރުގެ މުބާރާތައް ތައްޔާރުވުމަށް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ. މީގެ ތެރެއިން އެއްވެސް މެޗަކުން އެޓީމު ބަލިނުވި ނަމަވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ. ޖަޕާން، ސައުދީ އަރަބިއާ އަދި އީރާގު ފަދަ ގައުމަތަކާއި ދެކޮޅަށް ކުޅުނު މެޗުތައް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

މި ދެ ޓީމު މީގެ ކުރިން ބައްދަލުކުރީ އެކުވެރިކަމުގެ މެޗުތަކުގައެވެ. އެގޮތުން އެކުބެރިކަމުގެ ތިން މެޗެއް ކުޅެފައިވާއިރު، ކޮންމެ ޓީމެއްވެސް ވަނީ އެއް މެޗުން މޮޅުވެފައެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކުރީ 2018 ވަނަ އަހަރުގައެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ އިކުއެޑޯއިން އެވެ. އެހެން ކަމުން ތަޖުރިބާކާރުން ދެކޭ ގޮތުގައި މި މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ އިކުއެޑޯއަށެވެ.

ވޯލްޑް ކަޕް 2022 ގެ ގުރޫޕް ސްޓޭޖުގައި ގަތަރު އަދި އިކުއެޑޯ ބައްދަލުކުރާ މެޗު ފަށާނީ މި ރޭ ރާއްޖޭ ގަޑިން 9:00 ގައެވެ.