މުސްލިމުން ވާންޖެހޭނީ މުޅި އިންސާނިއްޔަތަށް ހުރި ހެވަކަށް ކަމަށާއި މުސްލިމުން މަސައްކަތް ކުރާން ޖެހޭނީ ވެށި ރައްކައުތެރި ކުރުމަށާއި، ކައުނު ސަލާމަތްތެރި ކުރުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ ވެށީގެ ޙައްޤުތައް އަދާކުރުމުގައި ފަސްޖެހުމުގެ ނުބައި އަސަރު ފޯރާނީ ހަމަ އެމީހަކަށް އެކަނި ނޫން ކަމަށާއި އޭގެ ނޭދެވޭ އަސަރު އެމީހެއްގެ ގައުމަށާއި، ސަރަަހައްދަކަށް ވެސް ފޯރާނެ ކަމަށެވެ. އަދި އިންސާނުން ދިރުއުޅޭ މުޅި ބިމަށް ވެސް ފޯރާނެ ކަމަށެވެ.
“އިންސާނުންނާއި ވެށީގެ ރައްކާތެރިކަން އޮތީ އިސްލާމް ދީނުގައެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ މާތް ރަސްކަލާންގެ ވަޔާއި ފެނާއި ޙަޔާތް ޚަލްގު ކުރެއްވީ ސާފުތާހިރުކޮށް ކަމަށާއި، ވެށި ތަޣައްޔަރު ކުރަނީ އިންސާނުންގެ އަތުން ކަމަށެވެ. އަދި އިންސާނުން، ވިރާސީ މޭސްތިރިކަމުގެ ދަށުން މޭވާއަށާއި، ގަސްގަހާ ގެެއްސަށާއި، ދިރޭ އެއްޗެއްސަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މާތް ރަސްކަލާންގެ ޚަލްޤު ކުރެއްވި މިތަކެތި ތަޢައްޔަރުވަމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.
“ދިވެހިންނަކީ ކަނޑުގެ އަހުލުވެރީން. އޭގެ ސަބަބުން ދިވެހީންގެ އިގްތިސާދު ބަރޯސާވަނީ ކަނޑަށް. އެއީ ފަތުރުވެރިކަން ވިޔަސް މަސްވެރިކަން ވިޔަސް، ދިވެހި އިގްތިސާދުގެ މާނައަކީ ކަނޑު.” ޚުތުބާ ގައި ބުންޏެވެ.