English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާ ކޮށްފި އެވެ.

ބަންޑާރަކޮށީގައި، މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އެވެ. ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އެވެ.

މިއީ ކުރިއަށްއޮތް ވޯލްޑްކަޕްއާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށްދެއްވުމުގެ ގޮތުންނާއި، ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން އުރީދޫ އިން ހަދިޔާކުރި ޓީވީތަކެކެވެ.

އެމްއެންޑީއެފަށް ޓީވީ ހޯދުމަށް މިނިސްޓަރ އޮފް ޑިފެންސް ވަނީ، ގިނަ ފަރާތްތަކަކާ އެކު މަޝްވަރާކުރައްވާފަ އެވެ. މިގޮތުން، އެކަމަނާ އެދިލެއްވި އެދިލެއްވުމަށް އެންމެ ފުރަތަމަ އިޖާބަ ދެއްވި ކުންފުންޏަކީ އުރީދޫ މޯލްޑިވްސް އެވެ. އެ ކުންފުނިން ވަނީ އެމްއެންޑީއެފަށް 5 ޓީވީ މިއަދު ހަދިޔާ ކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވަނީ އުރީދޫ މޯލްޑިވްސްއިން ދިވެހި ސިފައިންނަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

އެ ކުންފުނިން ވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޖުތިމާޢީ ޒިންމާގެ ދަށުން ދިވެހި ސިފައިންނަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފަ އެވެ.

އެގޮތުން، އެ ކުންފުނިން ދެމުންދާ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ސިފައިންނަށް ލިބޭނޭގޮތް ހައްދަވައިދެއްވުމުގެ އިތުރުން، އެމްއެންޑީއެފްއާއެކު އަބަދުވެސް ބަދަހި ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ޑިފެންސް މިނިސްޓަރ ވަނީ، އޫރިދޫން ރާއްޖޭގެ ކަންކަމާ ހަވާލުވެ ހުންނަވާ ހަރ ހައިނަސް ފަތިމާ ސުލްތާން އަލް ޚަވައިރީއަށާއި އޫރިދޫގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އަށާއި، އޫރިދޫގެ ރާއްޖޭގައި މަސައްކަތްކުރައްވާ މުޅި ޓީމަށް ޝުކުރު އަދާކުރައްވާފަ އެވެ.