ތަކުރާރުކޮށް އެކްސިޑެންޓްވެ އެތައްފަހަރަކު ޖިމާނީ ބޮޑެތި އަނިޔާ ލިބިފައިވާ ކުދިންވެސް ބާރަށް ސައިކަލް ނުވަތަ ކާރު ދުއްވާ ކަމަށް އައްޑޫސިޓީ ޓްރެފިކް ފުލުހުންގެ ޓީމުން ވިދާޅުވެއްޖެއެވެ. އައްޑޫ ޕޮލިސް ޓްރެފިކު ޓީމުން ވިދާޅުވީ ތަކުރާރުކޮށް އަނިޔާ ލިބުމުންވެސް ބާރަށް ދުއްވާތީ ކަންބޮޑުވާ ކަމަށެވެ. “އާންމުކޮށް ބާރަށް ދުއްވަނީ ގުރޫޕްތަކަށް ނިސްބަތްވާ ކުދިން. އެމީހުން ބޭނުންވަނީ ހަމަ ބާރަށްދުއްވަން. މިއީ ޒުވާންކުދިންނަށްވެފައި ދުއްވާނެ ޖާގައޮތީމާ ބާރަށް ދުއްވަނީ ކަމަށްވެދާނެ. ހަގީގަތުގައި އެމީހުން ދުއްވަނީ މަސްތުވާ ޒާތެއްގެ ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެން ކަމަށްބެލެވޭ. އެހެން ދުއްވާއިރު އެމީހުން ޒިގްޒެގްކޮށްވެސް ދުއްވާ،” ޓީމުން ވިދާޅުވިއެވެ. ބާރަށް ދުއްވާ ކުދިން ދެނެގަނެ އެމީހުން ހިފެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޓީމުން ވިދާޅުވިއެވެ. ” އެގޮތަށް ބާރަށް އެބަދުއްވާ ތަކުރާރުކޮށް ޖިސްމާނީ ބޮޑެތި އަނިޔާވެފައިވާ ކުދިންވެސް. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ހުންނަ ކަމަށް އިނގޭތޯ،” ޓްރެފިކް ޓީމުން ވިދާޅުވިއެވެ. މިއީ ވަރަށް ސީރިއަށް މައްސަލައެއް ކަމަށް އެޓީމުން ފާހަގަ ކުރެއްވިއެވެ. އެހެންވީމާ އެފަދަ ކަންކަން ހުއްޓުވަން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެޓީމުން ވިދާޅުވިއެވެ. މަގުމަތީގެ ގަވާއިދުތަކަށް އެންމެން އަމަލުކޮށްގެން މެނުވީ އައްޑޫގައި އެކްސިޑެންޓްތައް މަދުނުކުރެވޭނެ ކަމަށްވެސް އެޓީމުން ވިދާޅުވިއެވެ.