English Edition
Dhivehi Edition
މާލޭގެ ގަރާޖެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގުން/ފޮޓޯ ސޯޝަލް މީޑިއާ

ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ގޭ ތެރޭގައި އިތުރު ބަޔަކު ތާށިވެފައިވާނެ ކަމަށް ބަލައި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ކުރިއަށް އެބަދެއެވެ. އަލިފާން ރޯވި އިމާރާތުގައި އިތުރު ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ލަފާކުރެވޭތީ އެސަރަހައްދުގައި އެމް.އެން.ޑީ.އެފްއާއި ފުލުހުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރޭ މެންދަމު 12:30ހާއިރު އަލިފާން ރޯވި މ. ސެންރޯސް ގޭއިން މިހާތަނަށް 10 މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެމްއެންޑީއެފުން މިއަދު ބުނީ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ދިރިއުޅުނު މީހުންގެ ފަރާތުން ބަޔަކު މަދުކަމަށް މައުލޫމާތުދިނުމުން އެމީހުން ހޯދުމުގެ މަސައްކަތްކުރި ކަމަށާއި ދިހަ މީހަކު މަރުވެފައި އޮތްވައި ފެނިފައިވާ ކަމަށެވެ. އަލިފާން ރޯވި ގޭގެ ތެރެއިން މަރުވެފައިވާ 4 މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވާއިރު އިތުރު 2 މީހަކު އެމްބިޔުލަންސްގައި އައިޖީއެމްއެޗް އަށް ގެންގޮސްފައިވެއެވެ.
މީގެއިތުރުން އެތަނުގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 14 މީހަކުވަނީ ސަލާމަތްކޮށްފައެެެވެ.މިއެންމެންނަކީވެސް ބިދޭސީން ކަމަށް މަޢުލޫމާތު ލިބެއެވެ. މިޙާދިސާގައި މަރުވިމީހުންގެ ހަށިގަނޑު ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.

މިޙާދިސާއާއި ގުޅިގެން އެންއެންޑީއެފުންވަނީ ރޭ މެންދަމު 3:56 ހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަން ހާމަ ކޮށްފައެވެ. އަދި އިމާރާތުން އެއްކޮށް އަލިފާން ނިއްވާލެވުނީ ފަތިހު 4:34 ހާއިރުއެވެ.

މި ހާދިސާގައި ރޯވީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައެވެ.

އެ ގަރާޖަކީ ކާރު ޕެއިންޓުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ކެމިކަލް ހުރި ގުދަނެކެވެ. އަލިފާން ހިފާފައި ހުރީ ގަރާޖު އިމާރާތުގެ އެތެރޭ ފަޅީގައެވެ. ގަރާޖުގެ ތެރެއިން ގޮވުމުގެ އަޑުތަކެއް އިވުނު އިރު، އެއީ ކެމިކަލްތަކުގައި އަލިފާން ހިފުމުން ގޮވި އަޑެއް ކަމަށް ބެލެވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުން މީހުން ވަނީ ހުސްކޮށްފައެވެ. އަލިފާން ރޯވި ގުދަނުގެ އިމާރާތުގެ މަތީގައި ބިދޭސީން ދިރިއުޅޭކަމުގެ މައުލޫމާތު ލިބެއެވެ.