English Edition
Dhivehi Edition

ޤަތަރުގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ނިންމީސުރެ އިޖުތިމާއީ މައްސަލަތަކާއި، އިންސާނީ ހައްގުގެ މައްސަލަތައް ދަނީ ފެންމަތިވަމުން ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލައިން ސަލާމަތްވި ފަހުން ފުރަތަމަ ފަހަރަށް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބްލެޓާ ވިދާޅުވީ ޤަތަރުގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ނިންމީސުރެ އިޖުތިމާއީ މައްސަލަތަކާއި، އިންސާނީ ހައްގުގެ މައްސަލަތައް ދަނީ ފެންމަތިވަމުން ކަމަށާއި ގަތަރުގައި ވޯލްޑް ކަޕް ބާއްވަން ނިންމުމަކީ ހެދުނު ގޯހެއް ކަމަށެވެ.

ބްލެޓާ ވިދާޅުވީ ގަތަރަކީ ނިސްބަތުން ކުޑަ ގައުމެއް ކަމަށާއި ފުޓްބޯޅައާ ވޯލްޑް ކަޕަކީ އެއަށް ވުރެ މާ ބޮޑު އެއްޗެއްކަމަށެވެ. ނަމަވެސް ގަތަރުގައި ވޯލްޑް ކަޕް ކުރިއަށްދާތީ އެކަމާ އުފާކުރާ ކަމަށް ބްލެޓާ ވިދާޅުވި އެވެ. އަދި އެއްވެސް ފުޓްބޯޅަ ކުޅުންތެރިއަކު ވޯލްޑް ކަޕް ބޮއިކޮޓްނުކޮށް ބައިވެރިވާތީ އެކަމާ ވެސް އުފާކުރާކަމަށް ބްލެޓާ ވިދާޅުވި އެވެ.

މީގެ އިތުރުން ބްލެޓާ ވިދާޅުވީ ޤަތަރުގައި މުބާރާތް ބޭއްވުމަށްޓަކައި ކްރައިޓީރިއާ އަށް ވެސް ބޮޑު ބަދަލެއް ގެންނަން ޖެހުނު ކަމަށާއި އެ ބަދަލު ގެންނަން ޖެހުނީ ޤަތަރުގެ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ހާލަތު ހުރި ގޮތުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޤަތަރުގައި މުބާރާތް ބާއްވަން އޭރު ނިންމީސުރެ އިޖުތިމާއީ މައްސަލަތަކާއި، އިންސާނީ ހައްގުގެ މައްސަލަތައް ފެންމަތިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ކަމަށެވެ.

2022 ވަނަ އަހަރު ވޯލްޑް ކަޕް މުބާރާތް ބާއްވާނެ ގައުމެއްގެ ގޮތުގައި ގަތަރު ކަނޑައެޅީ 2010 ވަނަ އަހަރު ފީފާގެ އެގްޒެކެޓިވް ކޮމިޓީންނެވެ. ޤަތަރަކީ މުބާރާތް ބާއްވާނެ މެދުއިރުމަތީ އަރަބި އިސްލާމީ ފުރަތަމަ ޤައުމެވެ.