English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީގުތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ނަގައިފިއެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 އިންނެވެ.

މެޗުގައި ފުރަތަމަ ލީޑުނެގީ އޮސަސޫނާއިންނެވެ. މެޗުގެ ހަވަނަ މިނެޓުގައި އޮސަސޫނާ އިން ލީޑު ނެގީ ޑޭވިޑް ގާސިއާ ޖެހި ލަނޑުންނެވެ.

މި މެޗުގެ 31 ވަނަ މިނެޓުގައި ބާސެލޯނާގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ އޮސަސޫނާގެ ކުޅުންތެރިޔަަކަށް އޭނާ އުޅަނބޮށިން ހަމަލާދިނުމުންނެވެ. މި މެޗުގައި ޖެރާޑް ޕީކޭ އަށް ވަނީ ރެފްރީއާއި ޒުވާބުކުރުމުން ސީދާ ރަތް ކާޑެއް ދައްކާފައެވެ. މި މެޗުގެ ފަހުހާފު ބާސާއިން ކުޅުނީ ދެ ކުޅުންތެރިން މަދުކޮށެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޕެއިންގެ ޒުވާން ސެންޓަ މިޑްފީލްޑަރު ޕެޑްރީއެވެ. މެޗުން ބާސެލޯނާ މޮޅުވީ 85 ވަނަ މިނެޓުގައި ރަފީނިއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ ޗެމްޕިއަން ރެއާލަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެ ޓީމަށް 14 މެޗުން ލިބެނީ 37 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ރެއާލަށް 32 ޕޮއިންޓު ލިބެނީ 13 މެޗުންނެވެ.