ސްކިލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް ޕްރޮގްރާމުގެ ދަށުން މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)ން ހިންގި ހަ ކޯހެއްގެ ދަސްވެނިވުން ބާއްވައިފި އެވެ.
މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން އެވެ. އެ މަނިކުފާނު އަރިހުގައި މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމާއި، ޑެޕިއުޓީ މނިސްޓަރ އާމިނަތު މުޙައްމަދު ސަލީމާއި، ޕަރމަނަންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީ ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީ.އީ.އޯ ޑރ. ޢަބްދުލް ޙަންނާނު ވަޙީދާއި، މީރީ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރ އަލީ ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ހަފްލާގައި ސްކިލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް ޕްރޮގްރާމުގެ ދަށުން އެމް.އައި.ޓީއިން ހިންގި ހަ ކޯހަކުން ޖުމްލަ 38 ބައިވެރިއަކުވަނީ ދަސްވެނިވިފަ އެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ސްކީލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް ޕްރޮގްރާމުގެ ދަށުން ހިންގި ކޯސްތައް ކާމިޔާބުކަމާއިއެކު ނިންމި އެންމެހާ ބައިވެރިނަށް މަރުހަބާ ދެންނެވި އެވެ. އަދި ސްކީލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް ޕްރޮގްރާމަކީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ރާއްޖެ ދޫކޮށްދިޔަ ހުނަރުވެރި މަސައްކަތްތެރިންގެ ސަބަބުން އުފެދިގެންދިޔަ ހުސް މަޤާމްތަކަށް ކުރިމަތިލެވޭނެ ފަދަ ހުނަރުވެރި ދިވެހިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ސަރުކާރުން ވޯލްޑް ބޭންކްގެ މާލީ އެހީތެރިކަމާއިއެކު ފެއްޓެވި ޕްރޮގްރާމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިގޮތުން، މިޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމާއި، ފަތުރުވެރިކަމާއި ގުޅުންހުރި ކޮސްޓްރަކްޝަނާއި، އައި.ސީ.ޓީ ދާއިރާތަކުގެ ޕްރޮގްރާމުތައް ހިންގަމުންދާކަން ފާހަކުރެއްވިއެވެ. އަދި، ކުރިމަގުގައި ދަނޑުވެރިކަމުގެ ދާއިރާގެ ކޯސްތައް ހިންގަވާނެކަން ފާހަގަކުރެއްވި އެވެ. އަދި ކޯސްތައް ނިންމައި ދަސްވެނިވި އެންމެހައި ބައިވެރިން ވެސް މިނިސްޓްރީ އޮފް އިކްނޮމިކް ޑިވޮލޮޕްމެންޓްގެ ޖޮބް ޕޯޓަލް ގައި ރަޖިސްޓަރީވުމަށް ހަނދުމަފުޅުކޮށް އެކުވިއެވެ.
މީގެ އިތުރުން ޖޮބް ޕޯޓަލްގައި އެމަސައްކަތެއް ކުރުމުގެ ޤާބިލުކަން ހުރި ދިވެއްސަކު ރަޖިސްޓަރީކޮށްފައި ވަނިކޮށް، އެމަޤާމަކަށް ބޭރުމީހަކު ގެނައުމަށް ކޯޓާ ދޫނުކުރުމަކީ ސަރުސާރުގެ ސިޔާސަތުކަން ފާހަގަކުރެއްވި އެވެ. އަދި އެމް.އައި.ޓީއިން ރާއްޖޭގައި މީހުން ބީނާކުރުމުގެ ދާއިރާއަށް ކުރަމުންދާ ޚިދުމަތް ފާހަގަކުރެއްވައި، މީހުން ބިނާކުރުމުގެ ދާއިރާގެ މަސައްކަތް ކާމިޔާބުކުރުމަށް އަމިއްލަ ފަރާތްތަކުން ބައިވެރިވުމުގެ މުޙިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ސްކީލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސްގެ ދަށުން އިތުރު ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އިތުރު ޓްރެއިނިން ޕްރޮވައިޑާސް ހޯދުމަށް ކުރިއަށް އޮތް ދެހަފްތާތެރޭގައި އިއުލާންކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.