English Edition
Dhivehi Edition
ފޮޓޯ: ގަތަރު ގައުމީ ފުޓްބޯޅަ ޓީމް

ގަތަރަކީ އޭސިއާގެ ފުޓްބޯޅައިގެ ގަދަ ބާރެއް ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެއްވެސް ކާމިޔާބީއެއް މިހާތަނަށް ހޯދިފައިވާ ގައުމެއް ނޫނެވެ. އެގައުމުގެ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ވޯލްޑް ކަޕް މުބާރާތަކަށް ކޮލިފައިވެފައެއް ނެތެވެ. މިފަހަރު އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕް މުބާރާތަކީ ގަތަރުގެ ފުރަތަމަ ވޯލްޑް ކަޕެވެ. މި މުބާރާތުން އެގައުމަށް ފުރުސަތު ލިބިފައިވަނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގައެވެ.

ގަތަރު މިވަގުތު އޮތީ ދުނިޔޭގެ ފީފާ ރޭންކިންގެ 50 ވަނާގައެވެ. އަދި އޭސިއާ ރޭންކިންގެ ފަސް ވަނާގައެވެ. ގަތަރަކީ އޭސިއާ ފުޓްބޯޅައިގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ގަތަރު މިފަހަރުގެ ވޯލްޑް ކަޕުގައި ލައްވާލީ އެކުއެޑޯ، ސެނެގާލް އަދި ނެދަލެންޑްސްއާއި އެކު ގުރޫޕް އޭގައެވެ.

ގަތަރު ޓީމުގެ ކޯޗު ފެލިކްސް ސަންޗޭސް

ގަތަރުގެ ކޯޗަކީ ސްޕެއިން އަށް އުފަން ފެލިކްސް ސަންޗޭސް ބާސްއެވެ. މުޅި ކެރިއަރު ކޯޗިން ދާއިރާގައި ހޭދަކުރަމުން އަންނަ ސަންޗޭސް އޭނާގެ ކޯޗިން ކެރިއަރު ފެށީ 1996 ވަނަ އަހަރު ބާސެލޯނާގެ ޔޫތް ޓީމުންނެވެ. އޭގެފަހުން 2006 ވަނަ އަހަރު ގަތަރަށް ބަދަލުވެ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދީފައިވެއެވެ. އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާއި އެކު އޭއެފްސީ 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. ސަންޗޭސް ގަތަރުގެ ޤައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރުއެވެ. އޭނާ ވަނީ ގަތަރުގެ ގައުމީޓީމާއި ހަވާލުވެ 2019 ވަނަ އަހަރު ބޭއްވުނު އޭއެފްސީ އޭސިއަން ކަޕް ގަތަރަށް ކާމިޔާބު ކޮށްދީފައެވެ.

ހަސަން އަލް ހައިދޯސް

ގަތަރު ޓީމުގެ މުހިންމު ކުޅުންތެރިނަށް ބަލާއިރު، އެގައުމުގައިވެސް ހުނަރުވެރި ތަރިންތަކެއް އެބަތިއްބެވެ. ގައުމުން ބޭރުގައި ކުޅޭ އެއްވެސް ކުޅުންތެރިއެއް މިވަގުތު ގަތަރު ޓީމުގައި ނެތަސް ނަމަވެސް ޔޫރަޕްގެ ކުލަބުތަކަށް ކުރިން ކުޅެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން އެބަތިއްބެއެވެ. އޭގެ ތެރެއިން ގަތަރުގެ ކެޕްޓަން ޙަސަން އަލްޙައިދޯސް އާއި އަކްރަމް ހަސަން ހިމެނެއެވެ. މި ދެ ކުޅުންތެރިންނަކީ އެ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިންނެވެ. މިވަގުތު ގަތަރުގެ ސްޓާރސް ލީގުގެ އަލްސައްދު އެސްސީ އަށް ކުޅެމުން އަންނަ މި ދެ ކުޅުންތެރިން ވެސް މިވަގުތު ތިބީ ރަނގަޅު ފޯމެއްގައި ކަމުން އަންނަ ވޯލްޑްކަޕުގައި އެންމެ ވިދުންގަދަ ކުޅުންތެރިންގެ ތެރޭގައި މި ދެ ކުޅުންތެރިން ހިމެނިގެން ދިއުމަކީ ގާތްކަމެކެވެ.

ގުރޫޕް ސްޓޭޖުގައި ގަތަރު ކުޅެން ހަމަ ޖެހިފައިވާ މެޗުތައް

20 ނޮވެމްބަރ 2022 | 21:00 ގަތަރު – އެކުއަޑޯ

25 ނޮވެމްބަރ 2022 | 18:00 ގަތަރު – ސެނެގާލް

29 ނޮވެމްބަރ 2022 | 20:00 ނެދަލެންޑްސް – ގަތަރު