English Edition
Dhivehi Edition

3 ނޮވެމްބަރުގެ ހަމަލާ އާއި ގުޅިގެން ސިއްކަ އަހުމަދު އިސްމާއީލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އަށް 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ދިން ހަމަލާގެ ފަހަތުގައި ސިއްކަ އަހްމަދު އިސްމާއިލް ހުރިކަން ހާމަކޮށްދިނުމަށް އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅުވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވެވި ޓްވީޓް ގައި ވިދާޅުވީ ސިއްކަ އަހުމަދު އިސްމާއީލްއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއްކަމަށެވެ.

3 ނޮވެމްބަރުގެ ހަމަލާއާއި ގުޅިގެން ސިއްކައަށް ކުރި ދައުވާ އަކީ ހަމަލާއާއި ގުޅޭ މައުލޫމާތު އެނގިހުރެ އެކަން ސިއްރު ކުރުމުގެ ދައުވާއެވެ. އެ ހަމަލާގެ މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ވެސް ވަނީ ހަމަލާ އާއި ގުޅޭ ހުރިހާކަމެއް ސިއްކައަށް އެނގޭނެ ކަމަށް ތަހުގީގުގައި އަދި ކޯޓުގައިވެސް ބުނެފައެވެ. އަދި ސިއްކަ އަޙްމަދު އިސްމާއީލް ތަހްގީގަށް ދިން ބަޔާނުގައި އެހަމަލާ ދޭން އުޅޭކަން އޭނާ އަށް މާކުރިން އެނގޭ ކަމަށް ވެސް ވަނީ އިއުތިރާފުވެފައެވެ.

 

އެހަމަލާ އާއި ގުޅިގެން ހާޖަރާގޭ އަބްދުﷲ ލުތުފީ ތަހްގީގަށް ދިން ބަޔާނުގައި ވެސް ބުނެފައި ވަނީ ސިއްކަ އަހްމަދު އިސްމާއީލް ސްރީލަންކާގައި އަސްދޫނި ކޮއްޓެއް ހިންގަން ހަތްލައްކަ ރުޕީސް ހަމަލާގެ ކުރިން ދިން ކަމަށެވެ. އެފައިސާ އިން ހަމަލާގެ ކަންކަން ކުރިކަމަށް ލުތުފީ ބުނެއެވެ. އޭގެ އިތުރުން ވެސް ސިއްކަ އަހުމަދު އިސްމާއީލް އެދުވަސްވަރު ލުތުފީ އަށް ގިނަ އަދަދެއްގެ ފައިސާ ދީފައި ވެއެވެ.

3 ނޮވެމްބަރު މައްސަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް 2 އަހަރެއްހާ ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ބޭސް ފަރުވާއަށް އިންޑިއާގައި 4 ވަރަކަށް އަހަރު ހޭދަކުރިއެވެ. އެއަށްފަހު ބައިޕާސްއެއް ހަދަން ލަންޑަނަށް ގޮސް އެފަހުން ރާއްޖެއައިސް ރައީސް މައުމޫން ވަނީ ސިއްކަ މިނިވަންކޮށްފައެވެ

ސިއްކަ އަހުމަދު އިސްމާއީލަކީ ފަސްޓްލޭޑީ ފަޒްނާ އަހްމަދުގެ ބައްޕަ އެވެ. ސިއްކަ އަހްމަދު އިސްމާއީލާއި ނަޝީދުގެ ބައްޕަ ކެރަފާ އަބްދުލްސައްތާރަކީ ކުރިން ވިޔަފާރި ޕާޓްނަރުންނެވެ. އެބޭފުޅުންގެ މެދުގައި އާއިލީ ގުޅުން ވެސް އޮވެއެވެ.