English Edition
Dhivehi Edition

މިސްކިތަކީ ﷲ ގެ ގެކޮޅެވެ. ﷲ އަށް ލޯބިވާ މީހާ އެގެކޮޅުތަކަށް ޒިޔާރަތް ކުރުމަށް ލޯބި ކުރާނެއެވެ. އަދި އެ ގެކޮޅަށް ދާނަމަ ވީހާވެސް ބޮޑަށް ޒީނަތްތެރިވާން ވާނެއެވެ. އެބަހީ

މިސްކިތަށް ދިޔުމުގެ ކުރިން ދަތްއުނގުޅާ، ވުޟޫކޮށް، ރީތި ހެދުންލާ، ޢަޠަރުލާ ރީތިވާން ވާނެއެވެ. އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. {يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ)މާނައަކީ: ” އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!”.

عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال:{ من تطهر في بيته ثم مضى الى بيت من بيوت الله، ليقضي فريضة من فرائض الله، كانت خطواته إحداها تحطّ خطيئة والأخرى ترفع درجة} رواه مسلم.މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ގެއިން ވުޟޫކޮށްގެން ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެޔަކަށް ﷲ ފަރްޟު ކުރައްވާފައިވާ ފަރްޟެއް އަދާ ކުރުމަށް ހިނގައްޖެ މީހާ، އަޅާ ކޮންމެ ފިޔަވަޅަކުން އެއް ފިޔަވަޅަކަށް ފާފަ އެއް ފުއްސަވައި ދެއްވާނެއެވެ. އަދި އަނެއް ފިޔަވަޅަކަށް އޭނާގެ ދަރަޖަ އުފުއްލަވާނެއެވެ.” މިއީ އިމާމް މުސްލިމްގެ ރިވާޔަތެކެވެ.

ނަމާދަށް ޒީނަތްތެރިވުމަކީ ޢައުރަ ނިވާ ކުރުމުގެ އިތުރުން އައިސްފައިވާ އަމުރެކެވެ. އަންހެނުންނަށް އެކަނބަލުންގެ މަޙްރަމުން ނުވަތަ ކައިވެނި ޙަރާމް މީހުންގެ ކުރިމަތީގައި ބޯ ނިވާ ނުކޮށް ތިބުން ހުއްދަވާ އިރުގައިވެސް ނަމާދުގައި ބޯ ނިވާ ކުރުމަށް އަންގަވާފައިވަނީ އެހެންވެގެންނެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ” ނަމާދަށް ޒީނަތްތެރިވުމަކީ ޢައުރަ ނިވާ ކުރުމުގެ އިތުރުން އައިސްފައިވާ އަމުރެކެވެ. މިކަމުގެ ދަލީލަކީ ގުރްއާނާއި ސުންނަތާއި ދަންނަ ބޭކަލުންގެ އިޖްމާޢެވެ. އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. )يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ)މާނައަކީ: ” އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!”. މިއާޔަތް ބާވާލެއްވުނު ސަބަބަކީ މައްކާގެ މުޝްރިކުން އޮރިޔާމުންތިބެ ކަޢްބާ ވަށާ ޠަވާފު ކުރުމެވެ. މިއިން ދޭހަވަނީ ﷲ އަށް އަޅުކަން ކުރުމަށް އަންނަވަގުތުގައި ޢައުރަ ނިވާ ކުރުމުގެ އިތުރުން ޒީނަތްތެރިވާން ޖެހޭނެ ކަމެވެ. އެހެންކަމުން މިއާޔަތުގައި އައިސްފައިވަނީ ވެސް “ޒީނަތު” ގެ ލަފްޡެވެ. “ސަތްރު” ނުވަތަ ޢައުރަ ނިވާ ކުރުމުގެ ލަފްޡެއް ނޫނެވެ.

ސުންނަތުގެ ދަލީލަކީ: ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. )لا يقبل الله الصلاة حائض إلا بخمار … ( .މާނައަކީ: ބާލިޣްވެފައިވާ އަންހެނާގެ ނަމާދު ޚިމާރަކާއި އެކު މެނުވީ- ބޯނިވާ ކުރުމާއި އެކު މެނުވީ- ﷲ ގަބޫލެއް ނުކުރައްވާނެއެވެ”.

ނަމާދަށް އަރާ އިރުގައި ޒީނަތްތެރި ވުމަކީ ވާޖިބު ކަމެއް ކަމުގައި ދަންނަ ބޭކަލުން އިޖްމާޢު ވެލައްވައެވެ. ވީމާ، ނިދާ ހެދުންލައިގެން ނަމާދަށް އެރުމަކީ ރަގަޅު ކަމެއް ނޫނެވެ.

 

މަޢުލޫމާތު: ދިއިސްލާމް