English Edition
Dhivehi Edition

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބާލަން ޖެހޭ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ އިންޑިއާ މީހުން އެދަނީ ވިޔަފާރިތަކާއި ސަލާމަތީ ކަންކަމާއި ހާރިޖީ ކަންކަމުގެ ތެރެއަށް ވަންނަމުން ކަމަށާއި މިވަރުގެ ބާރުގަދަ ގައުމެއްގެ ލަޝްކަރެއް ރާއްޖޭގައި ގާއިމުވެ ތިބުމަކީ އަޅުގަނޑުމެންނަށް އޮތް ނުރައްކަލެއް ކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ ފަގީރުވެ ސަލާން ޖަހާ ހިސާބަށް ދިޔައީމަ، ގައުމެއްގެ މިނިވަން ކަމެއް ނޯންނާނެ ކަމަށާއި ރާއްޖޭގައި ކޮންމެ ސަރުކާރެއް އަޔަސް ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރުގެ ގައުމުތަކުން ލޯން ނަގަމުން އަންނަ ކަމަށެވެ.

“މިނިވަންކަން އޮންނާނީ ސަލާން ނުޖަހައި “އަމިއްލަ ފައިމަތީގައި” ތިބޭ ގައުމުތަކުގެ އަތުގައި. އެހެން ނޫނީ މިނިވަންކަން އޮންނާނީ ހަމައެކަނި “ނަން ބޯޑުގައި” އަޅުވާފައި ” ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީންގެ އަދަދު ގިނަ ކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ ވޯކް ޕާމިޓެއް ނެތި އެކަނި ވެސް 60،000 އަށް ވުރެ ގިނަ ބިދޭސީން ތިބި ކަމަށާއި އެމީހުން މަދު ކުރަން ޖެހޭ ކަމަށެވެ.