މިދިޔަ އަންގާރަދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކަގައި ނިޔާވި ސ. މަރަދޫފޭދޫ، ކަލަރުމާގެ، އަބްދުﷲ ފަތުހީ، 67އ. ގެ ހަށިގަނޑު ރާއްޖެއަށް ގެެނެސްފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ފަތުހީގެ ހަށިގަނޑު ރާއްޖެ ގެނައީ އާއިލާއިން އެދިގެން ކަމަށެވެ. އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވާާއިރު ފަތިހުގެ ފްލައިޓަކުން ހަށިގަނޑު އައްޑޫއަށް ގެންނާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ހާޓް އެޓޭކެއް ޖެހިގެން މަރުވިކަމަށް ރިޕޯޓްކޮށްފައިވާ ފަތުހީގެ މަރަކީ ގުދުރަތީ މަރެއްނޫންކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.
އޮކްޓޯބަރު މަހުގެ މެދެއްހާތަނުގައި ބަންގްލަދޭޝަށް ފަތުހީ ދިޔައީ ކައިވެނި ކުރުމަށް ކަމަށާއި ކައިވެންޏަށް ދިޔައީ ބޮޑު ލޯނެއްވެސް ނަގައިގެން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އާއިލާއިން ބުނެފައިވަނީ ފަތުހީ މަރުވީ އެއްވެސް ކަހަލަ ބައްޔެއް ވެގެން އުޅެފައި ކަމަށް ނުވާތީ އޭނާ މަރުވި ގޮތާ މެދު ޝައްކު އުފެދޭ ގިނަ ކަންކަން ހިނގާފައި ހުރި ކަމަށެވެ.
ބަންގްލަދޭޝަށް މީހަކާ އިންނަން ގޮސް ހުރި ފަތުހީ ގުދުރަތީ މަރަކުން މަރުވީ ނޫން ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ ކަމަށް އާއިލާއިން ކުރިން ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ވެސް ބުނެފައި ވަނީ އެމީހާ މަރާލި ކަމަށް ޝައްކު ކުރެވިގެން އެކަން ބަލަން ފަށާފައިވާ ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން ފަތުހީ އިނދެގެން އުޅުނު އަންހެން ކުއްޖާ ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފަ އެވެ.