English Edition
Dhivehi Edition

ފިނި މޫސުމާއި ދިމާކޮށް ފްރާންސްގެ ޤައުމީ އެއަރލައިން، އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އެއަރ ފްރާންސްގެ މިދަތުރުތައް ކުރަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ދުގުލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އެމްއޭސީއެލްއިން ބުނީ އެއަރ ފްރާންސުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ކުރާނެކަމަށެވެ. މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 276 ފަސިންޖަރުންގެ ޖާގައިގެ ‘ބޮއިން’ މަރުކާގެ 787 “ޑްރީމްލައިނާ” އެކެވެ.

ފްރާންސްގެ ޤައުމީ އެއަރލައިން އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް މި އެއަރލައިންގެ ދަތުރުތައް ކުރެއެވެ. ފިނިމޫސުމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ގިނަ ޢަދަދަކަށް ޒިޔާރަތްކުރާ ، މަޤްބޫލުކަން ބޮޑު ދުވަސްވަރެކެވެ.

ފްރާންސްއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ފްރާންސް ހިމެނެނީ ރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 13،12،993 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެތެރެއިން 2.9 އިއްސަންތަ ހިއްސާކުރަނީ ފްރާންސްގެ ފަތުރުވެރިންނެވެ.