English Edition
Dhivehi Edition

އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ ބައެއްކަމުގައިވުމަށް މުފްތީ މެންކް އެދިވަޑައިގެންފި އެވެ.

މިފަދައިން މުފްތީ މެންކް އެދިވަޑައިގަތީ ހޮނިހިރުދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި ދަރުސްގައި، އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަން، މި މައުޟޫއަށް ތަޤްރީރުކުރައްވަމުން ނެވެ.

މުފްތީ މެންކް ވިދާޅުވީ މި ޒަމާނުގައި އަމިއްލަ އާއިލާއާއިއެކު އުޅުމަށް ވެސް ގިނަ ބަޔަކު ނުރުހޭ ކަމަށާއި އެއީ ގިނަ މީހުންނަކީ އަނެއްކާގެ އިޙްސާސްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންނަށް ވާތީކަމަށެވެ. އެހެންކަމުން ތިމާއަކީ އެފަދަ މުޖުތަމަޢު ބަދަލުކޮށްލަދޭނެ، އަދި އޯގާތެރިކަމާއި އަޅާލުންދޭ މީހަކަށް ވެއްޖެނަމަ، އެ މުޖުތަމައަކީ އުފާވެރި، އަޅާލުމާއި ލޯބި ލިބިގެންދާނެ މުޖުތަމައަކަށްވެގެންދާނެ ކަމަށެވެ.

އެހެންކަމުން އެފަދަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. އިސްލާމްދީނުގައި މިކަންކަން ވަރަށް ސާފުކޮށް ތަފްސީލީ ގޮތެއްގައި އަންގާވާފައިވާކަން ބަޔާންކުރައްވަމުން، ދީނުގެމަތީގައި ސާބިތުވެ ތިބުމަށް އިރުޝާދުދެއްވި އެވެ.

މުސްލިމުންނަކީ މާތްﷲ ފިޔަވައި އިތުރު ފަރާތަކަށް އަޅުކަން ކުރުން ހައްޤުވެގެން ނުވާކަމަށް ހިތާއި ދުލުން ޤަބޫލުކުރާބަޔަކަށްވާއިރު, އިސްލާމްދީނުގެ ރުކުންތަކުން އެންމެ ފުރަތަމަ ރުކުންކަމުގައިވާ ޝަހާދަތުގެ ދެކަލިމައިން އެނގިގެންދަނީ އެކަން ކަމަށް ވިދާޅުވެ ޝަހާދަތުގެ ދެކަލިމައިގެ މާނަ ތަފްސީލާއިއެކު ކިޔައިދެއްވި އެވެ.

އެހެންކަމުން އިސްލާމްކަމަކީ ޝަހާދަތުގެ ދެކަލިމައިގައިވާގޮތަށް އަމިއްލަ ނަފްސު ތަރުބިއްޔަތުކޮށް، ރައްކާތެރިކުރުންކަމަށް ވިދާޅުވި އެވެ.