English Edition
Dhivehi Edition

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ބަންދުގައި ބެއްޓުމަށް ހައިކޯޓުން ނެރުނު އަމުރަކީ ޤާނޫނާއި އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

ދެހާސް ވިހި ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަރުޝަދު ހައްޔަރު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ އޭރު މިނިވަންވިއެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އޭގެ ފަހުން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުލުހުން އަރުޝަދު ހައްޔަރު ކުރި ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ދޫކޮށްލިއެވެ. އަދި އޭނާ ހައި ކޯޓަށް ހާޒިރުވެފައިވަނީ އަމިއްލައަށެވެ. އެހެންކަމުން ހައި ކޯޓުން ނިންމީ އޭނާ އަކީ ބަންދުގައި ބަހައްޓައިިގެން ހާޒިރު ކުރި މީހަކަށް ނުވާތީ ދޫކޮށްލުމަށެވެ.

މިމައްސަލައިގައި ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާތު ޤާނޫނާއި، ޝަރީއަތް ކުރުމުގެ ގަވާއިދުގެ ދަށުން ކަންކަން ހަމަޖެހިފައިވާ އިޖުރާއަތުގެ ބޭރުން މިމައްސަލާގައި އަމަލުކޮށްފައިވާކަން އެގެން ހުރިކަމަށެވެ. އަރުޝަރު ބަންދު ކުރުމަށް ހައިކޯޓުން ނެރުނު އަމުރުގައި ހާޒިރުވާންޖެހޭ ގަޑިއެއްވެސް ބަޔާންކޮށްފައެއް ނެތެވެ. ޝަރީއަތް ކުރުމުގެ ގަވާއިދުގައި ކޯޓަށް މީހަކު ހާޒިރުކުރާނަމަ އަންގާ ލިޔުމުގައި ހާޒިރުވާންޖެހޭ ގަޑިއާއި ހާޒިރުވާންޖެހޭ ސަބަބު ބަޔާން ކުރަން ޖެހެއެވެ.

ސްޕްރީމް ކޯޓުން ވަނީ މިމައްސަލާގައި އަރުޝަދު ބަންދު ކުރުމަށް ނެރެފައިވަނީ އަމުރަކީ ޖިނާއީ އިޖުރާތު ޤާނޫނާއި ޚިލާފަށް ނެރުނު އަމުރެއްކަމަށް ނިންމާފައެވެ.

އަރުޝަދު އެން،މެ ފުތަމަ ހައްޔަރުކޮށްފައިވަނީ، ސްރީ ލަންކާއިން ދުބާއީއަށް ދިއުމުން، ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެ އައުމުންކަމަށް އޭރު މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ފުލުން އެއަށްފަހު އޭނާ ބަންދުން ދޫ ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މާލެއާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސް މީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެވެއެވެ.