English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރު އާތިކާ އިބްރާހިމް، ތަހުގީގުކުރަމުން އަންނަ މައްސަލަތަކަކާއި ގުޅިގެން ސަސްޕެންޑް ކުރުމުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކަންބޮޑުވުން ފާޅު ކުރައްވާ ބަޔާނެއް ނެރުއްވައިފި އެވެ.

އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ކޯޓެއްގެ މުވައްޒަފަކާ ގުޅޭ އިދާރީ މައްސަލައެއް ވިޔަސް، ގަވާއިދާ ހިލާފު ވުމުގެ މައްސަލައެއް ވިޔަސް އަދި މުވައްޒަފަކާ މެދު ހުށައަޅާ ޝަކުވާއެއްގެ މައްސަލައެއް ވިޔަސް ޑީޖޭއޭއަށް އެ މައްސަލަ ބެލޭނީ، އެންމެ ފުރަތަމަ މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާ ބެހޭ އިސް ވެރިޔާ، ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެކަން ބެލުމަށް ފަހު ކަމަށެވެ. އަދި އެފަދަ މުވައްޒަފަކާ މެދު، އެންމެ ފުރަތަމަ ފިޔަވަޅު ވެސް އަޅަން ޖެހޭނީ އެ މުވައްޒަފަކު ވަޒީފާ އަދާ ކުރާ ކޯޓު ނުވަތަ އިދާރާގެ މުވައްޒަފުންނާ ބެހޭ އިސް ވެރިޔާ ނުވަތަ އޭނާ އެކަމަށް ކަނޑައަޅައިފައިވާ ފަރާތުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މީގެއިތުރުން، މުވައްޒަފަކާ ގުޅޭގޮތުން ބެލެމުންދާ މައްސަލައެއްގައި، އެ މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާ ކުރުމުގެ އިޚްތިޔާރު ޑީޖޭއޭއިން ބޭނުން ކުރަންވާނީ ކޯޓުގެ ނުވަތަ އިދާރާގެ މަޝްވަރާއާއެކު ކަމުގައި ވެސް، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހަވާލާ ދެއްވައި ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވާ ގޮތުން ޑީޖޭއޭއިން އާތިކާގެ މައްސަލައެއް ބަލަމުންދާކަން އޭނާއަށް އަންގާފައެއް ނުވެ އެވެ. އަދި ޖަވާބު ދާރީވާންވެސް ފުރުސަތު ދީފައެއް ނުވެ އެވެ.

“އާތިކާ އިބްރާހިމްގެ މައްޗަށް އުސޫލުތަކާއި އިޖުރާއަތުތަކުގެ ބޭރުން ތައައްސުފީ ގޮތެއްގައި އަޅާ ފިޔަވަޅުތަކެއްކަން އެނގުމާއި ގުޅިގެން އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވެ ހިތާމަ ކުރަމެވެ.” އުއްތަމަ ފަނޑިޔާރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އާތިކާ ސަސްޕެންޑްކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން، އަންގާރަ ދުވަހު އެވެ. އާތިކާ ސަސްޕެންޑް ކޮށްފައިވާއިރު، އުއްތަމަ ފަނޑިޔާރާއެކު، އެ ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ދަނީ ތަހުގީގު ކުރަމުން ނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭ 18 މައްސަލައެއް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި އާތިކާއަކީ ކުރިން އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް އެސިސްޓަންޓް (ޕީއޭ)ގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ.

 

މީގެއިތުރުން، މުވައްޒަފަކާ ގުޅޭގޮތުން ބެލެމުންދާ މައްސަލައެއްގައި، އެ މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާ ކުރުމުގެ އިޚްތިޔާރު ޑީޖޭއޭއިން ބޭނުން ކުރަންވާނީ ކޯޓުގެ ނުވަތަ އިދާރާގެ މަޝްވަރާއާއެކު ކަމުގައި ވެސް، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހަވާލާ ދެއްވައި އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވެއެވެ.

ބަޔާން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު، ގާނޫނާއި ގަވާއިދުގެ ބޭރުން، އަނިޔާވެރި، އަދި ބޭއިންސާފު ގޮތެއްގައި ޣައިރު ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދޭނެ ވާހަކަޔާއި، އެއްވެސް ކޯޓަކުން ވެސް އެފަދަ ފުރުސަތެއް ނުދެއްވާނެކަމުގެ ޔާގީންކަން އޮތް ވާހަކަ ވެސް މިފުރުސަތުގައި ދަންނަވާ ކަމަށެވެ.