English Edition
Dhivehi Edition

މަޝްހޫރު ދީނީ ޢިލްމްވެރިޔާ މުފްތީ މެންކް ދެއްވާ “މުފްތީ މެންކް އިން މޯލްޑިވްސް” ގެ ފުރަތަމަ ދަރުސް ޚާއްސަކޮށްފައިވަނީ “ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް” ނުވަތަ “ދެރަވެ މާޔޫސްވުމާއި، ހާސްވުމާއި، ކަންބޮޑުވުން” ގެ މައްޗަށެވެ.

އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެއްވާ ފުރަތަމަ ދީނީ ދަރުސް މިރޭ ކާނިވާ ސަރަޙައްދުގައި އޮންނާނެއެވެ. އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ދަރުސް ޕީ.އެސް.އެމްގެ ޗެނަލްތައްކަމަށްވާ ޓީވީއެމް، މުންނާރު ޓީވީ، ދިވެހިރާއްޖޭގެ އަޑު އަދި ދީނުގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ.

މުފްތީ މެންކް ރާއްޖެވަޑައިގެންފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާގެ މި ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މުފްތީގެ މި ދަތުރުފުޅުގެ ތެރެއިން މިމަހުގެ 28 އިން 31 އަށް މާލެއާއި، ހުޅުމާލޭގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ޚާއްސަ ދަރުސްތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަން:

– މާލެ ސިޓީ : އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި
– ފުވައްމުލައް ސިޓީ : އޮކްޓޯބަރު 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި
– އައްޑޫ ސިޓީ : އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި
– ހުޅުމާލެ : އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި