English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު (ނަންބަރު: 2019/5) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ.

މި އަހަރުގެ އޮކްޓޫބަރު 19 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި މި ބިލް ރައީސް ތަސްދީޤުކުރެއްވީ މިއަދުއެވެ. މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙު ތަކުގެ ތެރޭގައި ހިމެނެނީ

  • ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުން
  • ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުން
  • ޤާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާޙް ތަކެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ރ) އަދި (ބ) އާއި، 1-31 ވަނަ މާއްދާގެ (ބ) އުނިކޮށް، މިޤާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް ވަނީ އިތުރުކުރެވިފައެވެ.

މި ބިލު ތަސްދީޤު ކުރުމާއެކު، މިހާރު ޤާނޫނީ ވަކީލު ކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބާ އިމްތިހާނު ނުހަދައި ޤާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.