ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމާފައިވާ ޤަރާރު އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.
ރާއްޖެ ޓީީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާކަމަށެވެ. އަދި އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ސާލިހު ވިދާޅުވީއެވެ. އަދި ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެ ގަރާރު ޕާޓީގެ ތެރެއިން ފާސްވެއްޖެނަމަ އެކަމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް އެ މައްސަލަ ވައްދާ ބަހުސް ކުރަންޖެހޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
“ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އެފަދަ ވޯޓެއް ނަގައި ނިޒާމް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން . އަޅުގަނޑު ގަބޫލު ކުރަނީ މިހާރު މި އޮތް ގޮތަށް (ރިޔާސީ ނިޒާމް) ވެރިކަމުގެ ނިޒާމް ބާއްވަން. ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ރައީސަކު ސަރުކާރު ހިންގުން އެއީ މިވަގުތައް އެންމެ ރަނގަޅު ގޮތް” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާލުވީ އެމަނިކުފާނަށް ގަބޫލުކުރެއްވެނީ މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. އަދި ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮވެފައި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން ވެސް ދެކޮޅެވެ.
ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމުގެ ހުވަފެން ދެކެވަޑައިގެންނަވާ ބޭފުޅެކެވެ. މީގެ ކުރިންވެސް އެތައް ގޮތަކަށް އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން ބޭނުންފުޅުވާކަން އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.