2015 ވަނަ އަހަރު ކ.ތުލުސްދޫގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަމުގައި އޮތް ބިމެއްގައި ގެސްޓް ހައުސްއެއް އަޅައިދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެއްބަސްވުމަށްފަހު، އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ ނަޝީދު އެމްއައިބީ އާ ދެކޮޅަށް ދައުވާކުރައްވައިފި އެވެ.
ނަޝީދުގެ ފަރާތްޕުޅުން ތުލުސްދޫ ކޯޓުގައި އެމަނިކުފާނުގެ ބޭބެ، ޑރ. އިބްރާހީމް ނާޝިދު ކުރައްވާފައިވާ ދައުވާ ގައި ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން، ފަސްބުރީގެ މިގެސްޓް ހައުސް ނިންމަން އެއްބަސްވެފައިވަނީ 11 މަސް ދުވަހުގެ ތެރޭގައި ކަމަށްވަނީ ބަޔާންކޮށްފައެވެ.މީގެ އިތުރުން ނަޝީދުގެ ފަރާތްޕުޅުން އެޑްވާންސްގެ ގޮތުގައި ދައްކަންވަންޖެހޭ 176000 އާއި ގެސްޓްހައުސް އިމާރާތް ކުރުމުގެ މަސައްކަތް ފެށި އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ 11 މަސް ދުވަހުގެ ތެރޭގައި ނަޝީދުގެ ފަރާތްޕުޅުން ދައްކަވަންޖެހޭ 227000 ބޭންކަށް ދައްކާފައިވާކަމަށް ދައުވާގައިވަނީ ބަޔާންކޮށްފައެވެ. އަދި ނަޝީދު ދައްކަވަން ޖެހޭ ބާކީ ފައިސާ ދައްކަވަން ޖެހެނީ ގެސްޓް ހައުސް ނިމުމުން 60 މަސް ދުވަހުގެ ތެރޭގައި ކަމަށްވެސް ދައުވާގައިވެ އެވެ
ނަޝީދުގެ ދައުވާގައި އެދިވަޑައިގެންފައިވަނީ ތުލުސްދޫގައި އިމާރާތްކުރުމުގެ މަސައްކަތް ފެށި، އެހެންނަމަވެސް މިހާރު މަސައްކަތް ހުއްޓިފައިވާ ގެސްޓް ހައުސް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައިދިނުމަށް އިސްލާމިކް ބޭންކްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިއެވެ.