ނަމާދަކީ ހިތަށް ހަމަޖެހުންލިބޭ، ކަންބޮޑުވުމާއި ހާސްވުންފަދަ ކަންކަމުން ސަލާމަތްކޮށްދޭ އަޅުކަމެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.
ޚުތުބާގައި ވަނީ ނަމާދަކީ އޭގެ ސަބަބުން އަހަރުމެންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާނޭ ކަމެއްކަން ހަނދާންކޮށްދީ އޭގެ މިސާލުތައް ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ދައްކައިދީފަ އެވެ. އެގޮތުން ކީރިތި ރަސޫލާ ކަންބޮޑުވެވަޑައިގަންނަވާ ކޮންމެފަހަރަކު ނަމާދު ކުރެއްވުމަށް އަވަސްވެވަޑައިގަންނަވާ ކަމަށް ވާރިދުވެފައިވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
“ފަރުޟު ފަސް ނަމާދަކީ ރަށުގައި ގާއިމުހުންނަ މީހާގެ މައްޗަށާއި ދަތުރުވެރިޔާގެ މައްޗަށާއި ބަލިމަޑުކަމުގައިވާ މީހާގެ މައްޗަށް ވެސް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ހާލަތުގައްޔާއި ބިރުވެރިކަމުގެ ހާލަތުގައި ވެސް ނަމާދު ކުރުމަށް ވަނީ އަންގަވާފަ އެވެ. ބަލިމަޑުކަމުގެ ހާލަތުގައި ވެސް ނަމާދު އަޅައިގެން ނުވާނެ އެވެ.” ޚުތުބާގައި ބުންޏެވެ.
“ނަމާދަކީ ދީނުގެ ތަނބެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ވަނީ ކިތަންމެ ބަލިބޮޑުވިޔަސް ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނުވާ ކަމަށާއި އެހެނަސް މިއަދު މިފެންނަނީ މިއާ ޚިލާފު މަންޒަރުކަމަށް ބުނެފަ އެވެ.
ބައެއް މީހުން ބައްޔެއް ވެލާއިރަށް ނަމާދު އަޅާތަން (ނަމާދުނުކޮށް ދޫކޮށްލާތަން) ފެންނަކަމަށާއި އެފަދަ މީހުންނަށް ނަމާދުކުރުން ވެފައިވަނީ އުފުލަންޖެހިފައިވާ ބޮޑު ބުރައަކަށް ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ގަޟާ ކުރުމުގެ ނިޔަތުގައި ކަމަށާއި އެބަލީގައި މަރުވެއްޖެނަމަ، އެއީ ނަމާދު އެޅުމަށް އޮތް އުޒުރެއް ކަމަށް ދެކިގެން ކަމަށް ވެސް ޚުތުބާ ގައި ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް ވަރަށްބޮޑު އޮޅުމެއް ކަމަށާއި މިގޮތަށް ގަޟާ ކުރުމަށް ނިޔަތް ގަނެވެސް ނަމާދު އެޅުމަކީ ހުއްދަވެގެންވާނޭ ކަމެއް ނޫންކަން ވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.