English Edition
Dhivehi Edition

އެކިދާއިރާތަކުން ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން މިހާރު ކުރިޔަށްގެންދާ މުހިންމު ކަންކަމުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު މީޑިޔާއާ މިއަދު ޙިއްޞާކުރައްވައިފި އެވެ.

މިޢްވާން ވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅުން ފާހަގަކޮށްލެވޭ މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގައި ބޭއްވި ރަސްމީ ޖަލްސާއާއި ދަނޑުވެރިންނާ ބައްދަލުކުރައްވައި އެރަށުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓް ކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރުމުގެ ވާހަކައާއި ކާބޯތަކެތީގެ ތެރެއިން ރާއްޖޭގައި ހެއްދޭ 17 ބާވަތެއް ފާހަގަކުރައްވައި އެ ބާވަތްތައް ހައްދާ ފަރާތްތަކުގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓްކުރެވޭނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ދެއްވާފައިވާކަން ސްޕޯކްސްޕަރސަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ އޯގެނިކް ފާމިންގ އަށް ބާރުއަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވަހަކަފުޅާއި ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއްގެ މުހިންމުކަން ފާހަގަކުރައްވައި ސަރުކާރުން އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވައި ދެއްކެވި ވަހާކަފުޅު ސްޕޯކްސްޕަރސަން ފާހަގަކުރެއްވި އެވެ.

ސްޕޯކްސްޕަރސަންގެ ވާހަކަފުޅުގައި އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުގެ ދަށުން މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ބައިނަލް އަޤްވާމީ 7 މުބާރާތެއް ބާއްވާފައިކަން ފާހަގަކުރެއްވި އެވެ.

އެގޮތުން ދާދިފަހުން ސަންއައިލެންޑް ރިޒޯޓުގައި ނިމިގެންދިޔަ “ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރ، މޯލްޑިވްސް ޗެލެންޖް 2022” ވޮލީބޯލް މުބާރާތުގެ ބައެއް މެޗުތަކާއި “މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022” ބެޑްމިންޓަށް މުބާރާތުގެ ބައެއް މެޗްތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ސްޕޯކްސްޕަރސަން މިޢްވާން ޖަވާބުދެއްވި އެވެ.