English Edition
Dhivehi Edition

ރާއްޖޭގެ ފަސްވަނަ ސިޓީއަކަށް ގދ. ތިނަދޫ ހަދައިފިއެވެ.

ތިނަދޫ އަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާން ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ދަތުރުގައި ތިނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ވަނީ ކުރިއަށް އޮތްތަނުގައި ތިނަދޫ ސިޓީގައި ބޮޑެތި މަޝްރޫތަކެއް ކުރިއަށް ގެންދަވާނެ ކަމަށާއި ތިނަދޫގައި އެތަށް ސަތޭކަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓްވީޓުގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ގދ. ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފި ކަމަށެވެ.

ރާއްޖޭގެ ރަށަކަށް ސިޓީއެއް ކަމުގައި ކަނޑައަޅާ ކަންކަމުގެ ތެރޭގައި ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 (ދިހަހާސް) އަށްވުރެ ދަށްނުވުމާއި ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން ހިމެނެއެވެ. އަދި ޓަރޝަރީ ހޮސްޕިޓަލެއް ހުރުމާއި ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ޙާޞިލުކުރެވޭނެ މަރުކަޒެއް ޤާއިމުވެފައިވުން ވެސް ހިމެނެއެވެ.

މީގެ އުތުރުން ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުމާއި އެކު ސިޓީގައި ކޮމާޝަލް ހާބަރއެއްގެ ޚިދުމަތް ލިބެންހުރުމާއި ބޭންކެއްގެ ޚިދުމަތް ލިބެން ހުރުން ވެސް ހިމެނއެވެ.

މިކަންކަން ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ހުށަހެޅުމާ އެއްގޮތަށް ސިޓީއެއްގެ ދަރަޖަ ދެވިދާނެއެވެ.