އައްޑޫސިޓީއަކީ ފަތުރުވެރިނަށް ވަރަށް ރަނގަޅު މަންޒިލެއް ކަމަށާއި އަލަށް މި ތައާރަފްވި އައްޑޫއަށް އަދި އަލުން އާއިލާއާއި ރަޙްމަތްތެރިންނާާއެކު ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުން ކަމަށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސާޓާ) ގެ ވައިސް ޕްރެޒިޑެންޓް ސޫރަޖް ޚާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ގެ ރަސްމިއްޔާތު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު އީކުއޭޓަރ ވިލެޖްގައި ހުންނަވައިގެން “އޭއޯނިއުސް” އަށް ދެއްވި އިންޓަވިއު ގައި ސޫރަޖް ވިދާޅުވީ އައްޑޫސިޓީއަކީ ފަތުރުވެރިންނަށް ވަރަށް ކަމުދާ ރަނގަޅު މަންޒިލެއް ކަމަށެވެ.
މިއަހަރުގެ ސަޓާ އެވޯޑް އައްޑޫސިޓީގައި ބާއްވާ ވާހަކަ ސަޓާގެ ރައީސް އިސްމާއީލް ވިދާޅުވުމުން ވަރަށް ހައިރާންވިކަމަށް ސޫރަޖް ވިދާޅުވިއެވެ.
“އަހަރެން ހީކުރަނީ މޯލްޑިވްސް އޭ ބުނީމާ އެއީ މާލެކަމަށް. މީހުން ވަރަށް ގިނަ މާލެ އާއި މާލެ ކައިރީގައިވާ އަގުބޮޑު ރިސޯޓްތައް ކަމަށް. އައްޑޫއަކީ އޮންނަ ތަނެއް ކަމެއްވެސް ކުރިއަކުން ނޭނގެ. އެހެންވެ އަވަހަށް ގޫގުލް ސާޗްކޮށްލީ. އައްޑޫއަކީ ހީކުރިވަރަށް ވުރެން ވެސް ސަޅި ތަނެއް. ޗުއްޓީ ހޭދަކޮށްލަން އައިސް ތިބޭނެ އީކުއޭޓަރ ވިލެޖް ފަދަ ރީތި ހޮޓާތައް އެބަހުރި. މިތަނުގެ މީހުންގެ ހިތްހެޔޮކަމާ އެކުވެރިކަން އެއީ އެންމެ ގަޔާވި ކަންތައްތައް. ހަމަ ޔަގީނުންވެސް އަހަރެމެން އަދި އައްޑޫއަށް އަންނާނަން” ސޫރަޖް ވިދާޅުވިއެވެ.
ސަޓާ އެވޯޑަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން އައްޑޫއަށް ޒިޔާރަތް ކުރި ހުރިހާ މެޙްމާނުންގެ ވާހަކަ ހުރީ މިގޮތަށެވެ.
“ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ އަންނަން ބޭނުންވޭ. ރާއްޖެއަކީ ފަތުރުވެރިންނަށް ވަރަށް މަގުބޫލު ތަނެއް. އެކަމަކު އަގުގެ ގޮތުން ގިނަ ބަޔަކަށް ނާދެވެނީ. ވަކިން ޚާއްޞަކޮށް އައްޑޫސިޓީއަށް އަންނަން ބޭނުންވާ ފަތުރުވެރިނަށް އެއީ ވަރަށް ބޮޑު ޚަރަދެއް. މާލެ ގޮސް އަދި މޯލްޑިވިއަން އިން އައްޑޫއަށް އަންނަން ބޮޑު ޚަރަދެއް ކުރަން ޖެހޭ. އެކަމަކު ސްރީލަންކަން އިން ސީދާ ގަމަށް އާދެވޭ ގޮތް ވުމުން ޚަރަދުގެ ބޮޑު ބައެއް ސަލާމަތް ވީ. މިގޮތަށް ސީދާ އައްޑޫއަށް އާދެވޭ ކަމަށް ވެއްޖެއްޔާ ގިނަ ބަޔަކު އައްޑޫއަށް ޒިޔާރަތް ކުރާނެ” ސަޓާގެ ހުރިހާ ބައިވެރިންގެ ޚިޔާލު ހުރީ އެއްގޮތަކަށެވެ.
ސޫރަޖް ވިދާޅުވީ އައްޑޫސިޓީއަށް އައިސް ހޭދަވީ މި ތިން ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ކޮށް ގިނަ ތަންތަން ބަލާލެއްވިއްޖެ ކަމަށެވެ.
“މި ތަނުގައި ވަރަށް ފެންވަރު ރަނގަޅު ގެސްޓްހައުސްވެސް އެބަހުރި. އައްޑޫގައި ވަރަށް ބޮޑު ހުސްބިން އޮތް އިރު މިތަނަށް އަންނަ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން އަދިވެސް ގިނަތަންތަން ހެދިދާނެ. މުނިފޫހި ފިލުވުމާއި ކުޅިވަރުކުޅެ ހަދާނެ އިތުރު ތަންތަން ހަދާލެވިއްޖެނަމަ އަދި ވަރަށް ފުރިހަމަ ވެގެންދާނެ. މަތިންދާ ބޯޓުގައި އިނދެ އީކުއޭޓަރ ހުރަސް ކުރި ވަގުތު ވެސް ވަރަށް ތަފާތު އިޙްސާސެއް ކުރެވުނީ. އަދި އައްޑޫއަށް އާދެވުމުން މިތަނުގެ ފުރިހަމަ ކަން ފެނި މިތަނަށް ލޯބި ޖެހިއްޖެ” ކަމަށް ސޫރަޖް ވިދާޅުވިއެވެ.
ސަޓާ އެވޯޑަށް އައްޑުއަށް އައި ގިނަ މީހުންނަކީ ރާއްޖެއަށް ވެސް އަދި އައްޑޫ ސިޓީއަށް ވެސް އަލަށް ޒިޔާރަތް ކުރި މީހުންނެވެ. ސަޓާ ފެސްޓިވަލުގައި ވަނީ އައްޑޫ ސިޓީގެ ރީތިކަން ދައްކާލައި، ސިޓީގެ ތާރީހީ ތަންތަނަށް ބަލާލުމުގެ ފުރުސަތު ސަޓާގެ ބައިވެރިންނަށް ވަނީ ފަހިކޮށްދީފަ އެވެ. އަދި ތާރީހީ ތަންތަންނުގެ މައުލޫމާތު ވެސް ވަނީ ކިޔައިދީފަ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން އައްޑޫސިޓީގެ ގަމުގައި ހަދާފައިވާ ރޯޔަލް އެއާ ފޯސް (އާރްއޭއެފް)ގެ މިލިޓަރީ ބޭސްއަށް ސަޓާގެ ބައިވެރިން ޒިޔާރަތްކުރިއެވެ. މީގެ އިތުރުން ގަމުގައި ހުރި ރާއްޖޭގެ އެންމެ ފުރަތަމަ ސިނަމާ އާއި އިނގިރޭސީން ޖަލެއްގެ ގޮތުގައި ބޭނުން ކުރި “ބޮޑޭގެ”އާއި އެ ގެއާ ގުޅިފައިވާ ތާރީހު ވެސް ވަނީ ސަޓާގެ ބައިވެރިންނަށް ކިޔާދީފައެވެ. ސަޓާގެ ބައިވެރިން ވަނީ އައްޑޫ ސިޓީގައި ހިމާޔަތްކޮށްފައިވާ އީދިގަލިކިޅި އަދި ކޯއްޓޭ ސަރަހައްދަށް ގޮސް ފޮޓޯ ނަގައި އެތާނގެ ރީތިކަންވެސް ބަލާލާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުގައި ފާހަގަ ކޮށްފައިވާ “ސަދަން މޮސްޓް ޕޮއިންޓް މޯލްޑިވްސް” އަށް ގޮސް ރާއްޖޭގެ އެންމެ ދެކުނުގައި ހުއްޓި ހުރެ ދިވެހި ދިދަޔާއެކުގައި ފޮޓޯ ނަގާލުމަކީ ބައިވެރިންނަށް ލިބުނު ޝަރަފަކަށްވި އެވެ.
ސަޓާއާއި އެކު އައްޑޫސިޓީއަށް އައި އީދު ނިމުމަކަށް އައިސް މެޙްމާނުން އައްޑޫން ފުރާފައިވާއިރު ކޮންމެ މީހަކު އެނބުރި އެމީހެއްގެ ގައުމަށް ދިޔައީ އައްޑޫސިޓީއާއި ގުޅިފައިވާ ރީތި ހަނދާންތަކާއެކުގައެވެ. އައްޑޫގެ އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތަކުން އެމީހުންގެ ފޭސްބުކް ޕޭޖް ވަނީ ފުރިފައެވެ. ކޮންމެ ފޮޓޯ އަކާއެކު އައްޑޫސިޓީގެ ނަން ލިޔެވިގެންދާއިރު މިއީ ހައިރައިޒުން އައްޑޫސިޓީއަށް ދިން އަގުބޮޑު ހަދިޔާއެއްކަން ޔަގީނެވެ.