ގދ. ނަޑެއްލާގައި މީހުން އާބާދުވެފައިވާ ސަރަހައްދުގެ މަގުތަކުގައި ހައްދާފައި ހުންނަ ގަސް ފަދަ ތަކެތި ނަގައި ސާފުކުރުމަށް އެރަށު ކައުންސިލުން އަންގައިފިއެވެ.
އެގޮތުން އެސަރަޙައްދުގެ މަގުތަކާއި ގޯޅިތަކުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި ހައްދާފައިވާ ގަސްތަކާއި ބަހައްޓާފައި ހުންނަ ތަކެތި ނަގައި، މަގަށް އަރާގޮތަށް ހުންނަ ގަސްތަކުގެ ގޮފިތަކާއި ރުއްތަކުގެ ފަން ފަދަ ތަކެތި މަގުގެ އިމުން ފެށިގެން ބޭރަށް 15 ފޫޓުން ތިރި އެއްކޮށް ކޮށައި ސާފުކުރުމަށް ގދ. ނަޑެއްލާ ކައުންސިލުން ވަނީ އަންގާފައެވެ.
މިގޮތަށް ދަންނަވަން ޖެހުނީ މިފަދަ ތަކެތީގެ ސަބަބުން އެއްގަމުގައި ދުއްވާ އުޅަނދުތަކަށާއި އެމްބިއުލާންސް ދުއްވަން އުނދަގޫވެ އަދި ބައެއް ހާލަތްތަކުގައި އެފަދަ އުޅަނދުތަކަށާއި ދުއްވާ މީހުންނަށް ގެއްލުން ލިބޭގޮތް މެދުވެރިވަމުން ދާތީކަމަށް އެކައުންސިލުން ބުނެއެވެ.
ހަމައެހެންމެ މަގުތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކަށް އުނދަގޫވެ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން ދިއުމުގެ އިތުރުން ރަށުގެ ހުރިހާ މަގުތަކެއްގައި ނަރުދަމާގެ ހޮޅި އެޅުމަށްޓަކާ މަގު ކޮނުމުގެ މަސައްކަތް މިހާރު ކުރަމުން ދިއުމާއެކު މިފަދަ ތަކެތީގެ ސަބަބުން އެމަސައްކަތްކުރުމަށް ވެސް އުނދަގޫތަކެއް މެދުވެރިވަމުން ދާކަން އެކައުންސިލުން ފާހަގަކުރެއެވެ.
އަންނަ ނޮވެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުގެ ކުރިން، ރަށުގެ މިފަދަ ތަކެތި ބަހައްޓާފައި ހުރި ތަންތަނުން ތަކެތި ނެގުމަށް އެކައުންސިލުން ވަނީ އެދިފައެވެ. މިގޮތަށް ހުންނަ ތަންތަން ސާފުކުރުމަށް ނަޑެއްލާ ކައުންސިލް އިދާރާއިން މީގެ ކުރިންވެސް ތަކުރާރުކޮށް އާއްމުންނަށް ވަނީ އަންގާފައެވެ.